16 Jul 2018, 12:02
އިވޮލިއުޝަން ތިއަރީގައި ހުރި ފުށޫއެރުންތަކާއި ދޮގުތައް ހާމަކޮށްދިނުމުގައި ހަރަކާތްރެރިވަމުންދާ ތުރުކީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދްނާން އޮކްތާރު ނުވަތަ އާންމު ނަމުން ނަމަ ހާރޫން ޔަހްޔާގެ މައްޗަށް 35 އަންހެނުން ރޭޕްކުރިކަމުގެ ތުހުމަތު ކޮށްފި އެވެ.
ހާރުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރި ބައެއް އަންހެނުން ބުނީ، ހާރުން އެމީހުންގެ އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދު ރޭޕްކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް އަންހެނަކު ބުނީ އޭނާ ހާރޫންއަށް ތައާރްފްކޮށްދިނީ ޢޭނާގެ މަންމަ ކަމަށެވެ.
ބައެއް އަންހެނުން ބުނީ އެމީހުން ހާރުންއާ ގުޅުނީީ ހިތުން ރުހުމުން ކަމަށާއި ނަމަވެސް ފަހުން އެމީހުން ހާރޫންއާ ދުރައްދާން މަސައްކަތް ކުރުމުން، ބިރުދައްކައި ހަދައިފައިވާ ކަމަށެވެ.

ދީނީ އިލްމް ވެރިޔާ ހާރޫން ޔަހްޔާ ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ/ރޮއިޓާސް
އެގޮތުން އެ އަންހެނުންގެ ބުމައާއި އަދި ބޯވެސް ބާލައިފައިވާ ކަަމަށް ވެސްވެ އެވެ.
ތުރުކީގެ ފުލުހުން ބުނީ ހާރޫން އެ އަންހެނުންނަށް މުހާތަބްކުރަނީ ވެސް "ކިޓަންސް"ގެ ނަމުން ކަމަށެވެ. އަދި ހާރޫން މުޅިން ވެސް ގަޔާވަނީ ތުންފަތް ބޮޑެތި ކޮށް ބޮޑެތި ކޯތާފާތް ހުންނަ އަންހެނުންނަށް ކަމަށެވެ. އަދި ހާރޫންއާ ގުޅޭ ހުރިހާ އަންހެނުން ވެސް އެފަދަ ސިފަތައް ހުރުމަށް އެދޭތީވެ، އެމީހުން ޕްލާސްޓިކް ސާޖަރީ ހެދުމަށް މަޖުބޫރުކުރުވާ ކަމަށެވެ.
ތުރުކީގެ ސަރުކާރުން ހާރޫން ހައްޔަރުކޮށްފައި ވަނީ، ޖާސޫސް ކުރުމާއި އޮޅުވާލުމާއި މަނީ ލޯންޑަރިންގެ އިތުރުން މީހުންގެ ޒާތީ ކަންތައްތައް ހުއްދަނެތި ރެކޯޑްކުރުމާއި އަދި ޖިންސީ ގޯނާކުރުމުގެ ތުހުމަތުގަ އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ ހުއްރިއްޔަތު ޑެއިލީއިން ބުނީ ހާރޫން ހައްޔަރުކުރީ ފިލަން އުޅެނިކޮށް ކަމަށެވެ. އަދި އޭނާގެ ގެއިން ހަތިޔާރާއި އަސްކަރީ ކަންކަމުގައި ބޭނުންކުރާ ވެހިކަލްތަކެއް ވެސް އަތުލައިގަތް ކަަމަށެވެ.
ހާރޫން ވަނީ އިވޮލިއުޝަން ތިއަރީއާއި ކީރިތި ގުރުއާނާއި އަދި އިސްލާމްދީނާ ބެހޭ ގޮތުން އެތަކެއް ފޮތްތަކެއް ލިޔުއްވައިފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ދީނީ އިލްމުވެރިން ވަނީ ހާރުންގެ ޝޯތަކުގައި ބައިވެރިވެޑައިގެން އޭނާގެ މަސައްކަތްތަކަށް ތައުރީފްކުރައްވައިފަ އެވެ.
މަސްދަރު: ހުއްރިއްޔަތު ޑެއިލީނިއުސް