ޕާކިސްތާނުގެ ސްޕެޝަލިސްޓު ޑޮކްޓަރުންތަކެއް ގެނެސްގެން މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ ޕާކިސްތާން-މޯލްޑިވްސް މެޑިކަލް ކޭމްޕް ނިންމާލައިފިއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާއި ހެލްތް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ އެ މެޑިކަލް ކޭމްޕުގައި ޕާކިސްތާނުގެ ހަތް ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ އަށަކުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި 1451 ކޮންސަލްޓޭޝަން ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެ ކޭމްޕު ކުރިއަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗް، ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް، ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.

އެ ކޭމްޕުގައި ޕާކިސްތާނުގެ ޔޫރޮލޮޖިސްޓަކާއި، ބްރެސްޓް ސާޖަންއަކާއި، ކާޑިއޯތޮރާސިކް ސާޖަންއަކާއި، ދެ ނިއުރޯ ސާޖަނުންނާއި، އޯތޮޕީޑިކް ސާޖަންއަކާއި އީއެންޓި ސްޕެޝަަލިސްޓަކު ބަލި މީހުންނަަށް ކޮންސަލްޓޭޝަން ދެއްވިއެވެ. އޭގެ ތެރެއިން ޔޫރޮލޮޖިސްޓާއި، ބްރެސްޓް ސާޖަންއާއި، ކާޑިއޯތޮރާސިކް ސާޖަން އާއި، ނިއުރޮލޮޖިސްޓަކު ބެއްލެވީ އައިޖީއެމްއެޗްގައެވެ. ދެން ތިިއްބެވި ތިން ޑޮކްޓަރުން ވަޑައިގެންނެވީ އަތޮޅުތެރެއަށެވެ.

މާލޭގައި ބަލި މީހުން ބެއްލެވި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި، އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން މައުލޫމާތު ބަދަލުކުރުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.