ފެރިދޫ ކައުންސިލް އިދާރާގެ ތިޖޫރީ ބަޔަކު ވަގަށް ނަގައިފި އެވެ.

ފެރިދޫ ކައުންސިލް އިދާރާގެ ރައީސް އަހުމަދު ރިޔާޒް މިއަދު ވިދާޅުވީ އެ އިދާރާގައި ހުރި ދެ ތިޖޫރީގެ ތެރެއިން ވަގަށް ނަގާފައިވަނީ މި މަހުގެ ކަރަންޓްބިލަށް ރައްޔިތުން ދައްކާފައި ހުރި ފައިސާއިން ޚަރަދުކޮށް ބާކީ ހުރި ފައިސާ ބަހައްޓާފައިހުރި ތިޖޫރީ ކަމަށެވެ. އެ ތިޖޫރީގައި 13،000ރ. ހުންނާނެ ކަމަށް ވެސް ކައުންސިލު އިދާރާއިން ބުންޏެވެ.

ރިޔާޒު ވިދާޅުވީ ކައުންސިލް އިދާރާގެ އުތުރުފާރާތުގެ ކުޑަދޮރު ހަލާކުކޮށްލައިގެ ވަދެ ތިޖޫރީ ގެންގޮސްފައި ވަނީ ރޭގައި ކަމަށް ބެލެވޭ ކަމަށާއި ރޭ އެރަށަށް ވަރަށް ވިއްސާރަ ކުރި ކަމަށެވެ. އަދި ވިދާޅުވީ އެ އިދާރާގައި ދެންހުރި ތިޖޫރީގައި ހުރި ފައިސާ ގެއްލުނު ކަން ވެސް ނޫންކަން ވެސް އަދި ނޭންގޭ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ދެ ވަނަ ތިޖޫރީ ހުންނާނީ ފާރާއެކު ކޮންކްރީޓުން ހަރުކޮށްފައި ކަމަށާއި އެ ތިޖޫރީގައި އެއް ލައްކައަކަ ރުފިޔާއާ ގާތް ކުރާ ވަރަށް ފައިސާ ހުންނާނެ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ފަހަކަށް އައިސް ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ތިޖޫރީ ވަގަށް ނެގުން ވަނީ އާންމުކަމަކަށް ވެފަ އެވެ. އަދި އެގޮތަށް ތިޖޫރީ ނަގާ ގިނަ ކައުންސިލްތަކަކީ ސެކިއުރިޓީ ގާޑެއް ނެތި ހިންގާ ކައުންސިލް އިދާރާތަކެއް ކަން ފާހަގަ ކުރެވެ އެވެ.