މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ އަންހެނެކެވެ.

އެ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ ކ. މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިއްޔެ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މާފުށި ޖަލު ސަރަހައްދުން އެ އަންހެން މީހާ ހައްޔަރުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުގީގު ކުރަމުންނެވެ.