ރެއާލް މެޑްރިޑް ދޫކޮށް، ޔުވެންޓަސްއާ ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާންސްފާގެ އެންމެ ފަހު ކަންތައްތައް ފުރިހަމަކުރުމަށް އޭނާ އިޓަލީއަށް ގޮސްފިއެވެ.

ޓްރާންސްފާގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށް އިޓަލީގެ ޓިއުރިންއަށް ރޮނާލްޑޯ ދިޔަކަން ޔުވެންޓަސްއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ފީފާ ވޯލްޑް ކަޕް ކުރިއަށްދަނިކޮށް، ޔުވެންޓަސްއާ ރޮނާލްޑޯ ގުޅުނީ 100 މިލިއަން ޔޫރޯގެ އަގަކަށެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯއަށް ކޮންމެ ސީޒަނެއްގައި 30 މިލިއަން ޔޫރޯ ލިބޭނެއެވެ.

ރޮނާލްޑޯގެ ޓްރާންސްފާގެ ރަސްމީ މަރުހަލާތައް ނިންމުމަށް އޭނާ އިޓަލީއަށް ދިޔަ އިރު، މި ހަފްތާ ތެރޭގައި ޔުވެންޓަސް ސަޕޯޓަރުންނާއި މުޅި ދުނިޔެއަށް އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެ ކުރިން ޔުވެންޓަސްގެ މެޑިކަލްގައި މިއަދު ރޮނާލްޑޯ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

އިޓަލީގެ ކެސެލް އެއާޕޯޓަށް ރޮނާލްޑޯ ފޭބި ފޮޓޯއެއް ވެސް ޔުވެންޓަސްއިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ފޮޓޯއިން ރޮނާލްޑޯއާއެކު އޭނާގެ ލޯބިވެރިޔާ ޖޯޖީނިއާ ރޮޑްރިގޭޒް ވެސް ފެނެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލްއާ ގުޅުމަށްފަހު ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ނުވަ ޓްރޮފީ ހޯދައި، ގިނަ ރެކޯޑުތަކެއް މުގުރާލައިފައެވެ. އޭގެ ތެރޭގައި އެ ކްލަބާއެކު އޭނާ ހޯދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ޓްރޮފީ ހިމެނެއެވެ.

ރޮނާލްޑޯއާއެކު ރެއާލުން ވަނީ ދެ ފަހަރެއްގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ. އޭނާ ރެއާލްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ހަތަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވެއެވެ. އޭގެ ކުރިން ޔުނައިޓެޑުގައި ވެސް އޭނާ ބެލޮންޑިއޯ އެވޯޑެއް ހޯދާފައިވެއެވެ.

ރެއާލްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 438 މެޗުން 450 ލަނޑު ކާމިޔާބުކޮށްދީފައެވެ.