ޅ. ނައިފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އެ ރަށުގެ ހާބަރު ސަރަހައްދު ވަނީ 57،610 ސްކޮޔާ ކިލޯ މީޓަރަށް ބޮޑުކޮށްފައެވެ. 758 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓާއި 783 މީޓަރުގެ ބްރޭކް ވޯޓާ އާއެކު ތަރައްގީ ކުރި މި ބަނދަރު ތަރައްގީކޮށްފައިވަނީ 3740 މީޓަރުގެ ޕޭވްމެންޓަކާއެކުއެވެ.

ސަަރަހައްދު އަލި ކުރުމަށް 38 ހާބަރު ލައިޓް ޖަހާފައިވާއިރު ނައިފަރުގެ ބަނދަރު ބޮޑުކޮށްފައިވަނީ ޒަމާނީ ފެންވަރަކަށެވެ.

ކުރިން ބޭނުންކުރި ބަނދަރާ އެއްކޮށްލައިގެން މުޅިން އާ ބަނދަރެއް އެ ރަށުގައި ތަރައްގީކޮށްފައިވާއިރު ނައިފަރަކީ މަސްވެރިރަށެވެ. މަސްވެރިކަން ކުރާ ގިނަ އުޅަނދުތައް އެރަށުގައި އޮންނަ އިރު، މާލެ ދަތުރުކުރާ ބޯޓުތައްވެސް ނައިފަރުގައި އޮވެއެވެ.

ނައިފަރު ފަޅު ފުންކޮށް ބަނދަރުގެ ބޭރުތޮށި ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުއެވެ. ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 21.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއާއެކު އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލެއް އަންނާނެއެވެ.