އަމިއްލަ ދަނޑުގައި ރޭ އޭސީ މިލާންއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު މެޗް 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.

މިލާންގެ ހުނަރުވެރި ދެ ފޯވާޑުން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗާއި ރޮބީނިއޯ ނުލައި ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީ ވެސް މިލާނުންނެވެ. މިލާނުން ބާސާގެ މައްޗަށް ކުރި ހޯދީ މެޗްގެ 24 ވަނަ ސިކުންތުގައެވެ. އެ ލަނޑު މިލާނަށް ކާމިޔާބު ކޮށްދިނީ ބްރެޒިލް ފޯވާޑް އެލެގްޒެންޑާ ޕަޓޯއެވެ.

ރޭގެ މެޗްގައި ބާސާ ކޮޅަށް މިލާންގެ ފުރަތަމަ ލަނޑު ޕަޓޯ ޖަހާފައި ވަނީ، ބާސާގެ ޑިފެންޑަރުންނާއި ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ފުރިހަމަ ކަމާއެކު އެވެ. ޕަޓޯ މިލާނަށް ކާމިޔާބު ކޮށްދިން ލަނޑު ވަނީ ތާރީހީ ލަނޑު ލިސްޓަށް އަރާފައި ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ.

ބާސާގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗްގެ ކުރީކޮޅު މިލާނުން ލަނޑެއްޖަހައި ކުރި ހޯދުމުން، ބާސާގެ މުޅި ޓީމު ކުރި އަރައި ހަމަލާތައް ވަރުގަދަކުރި އެވެ. އަދި ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެކުޅުމާއެކު މެޗްގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މިލާނުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި ލިއޮނަލް މެސީ ދިން ޕާހަކުން ޕެޑްރޯ ރޮޑިގޭޒް ލަނޑެއް ޖަހާ ނަތީޖާ 1-1 ލަނޑަށް ބަދަލު ކޮށްލިއެވެ.

ބާސައިން މިލާން ކޮޅަށް ކުރަމުން ދިޔަ އެޓޭކްތަކުގެ ދިފާއުގައި މިލާންގެ ޑިފެންޑަރު އަލްސެންދްރޯ ނެސްޓާ ވަނީ މޮޅު ކުޅުމެއްދައްކާ އޭނާގެ އަމިއްލަ ތަޖުރިބާގެ ބޭނުން ހިފާފަ އެވެ. އެހެން ނަމަވެސް މޮޅަށް ކުޅުނު ބާސާގެ ހިތްވަރަށް ބަދަލު އައީ މެޗްގެ 39 ވަނަ މިނެޓްގައި ބާސާގެ އަންދްރޭ އިނިއެސްޓާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދަނޑުން ބާލަން ޖެހުނު ހިސާބުން ނެވެ. އިނިއެސްޓާގެ ބަދަލުގައި ކުޅެން އެރީ ސެކް ފެބްރިގާސް އެވެ.

ޕެޑްރޯ މެޗްގެ ފުރަތަމަ ހާފުގައި ބާސާއަށް ކާމިޔާބު ކޮށްދިން ލަނޑުން އެޓީމަށް ހިތްހަމަ ޖެހުމެއް ގެނެސްދިން ކަމުގައި ވިޔަސް، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނެވެ.

ހަތް ފަހަރު ޔޫރަޕުގެ ތަށި ހޯދާފައިވާ މިލާން މެޗްގެ ދެ ވަނަ ހާފަށް ނުކުމެ ، އެދެވޭ ކުޅުމެއް އެޓީމަށް ނުދެއްކި އުޅެނިކޮށް ބާސާ އިން ވަނީ މެޗްގެ ލީޑް ނަގާ، އެންމީހުގެ ސަޕޯޓަރުނަށް ހިތްހަމަ ޖެހުމެއް ގެނެސް ދީފައެވެ. މެޗްގެ 50 ވަނަ މިނެޓުގައި ބާސާއަށް ލީޑް ނަގައި ދިނީ ހިލޭ ޖެހުމަކުން ޑޭވިޑް ވިޔާ އެވެ.

ވިޔާ ބާސާއަށް ޖަހައިދިން ލަނޑާއެކު މެޗްގެ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް ބާސާއަށް ލިބުނެވެ. އެކަމަކު އިދިކޮޅު މިލާނުން ހިތްވަރު ދޫކޮށްނުލުމުގެ ބުރަ މަސައްކަތް އެޓީމަށް ފުރިހަމަވީ މެޗްގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކެޕްޓަން ކްލަރެން ސީޑޯފް ނަގައިދިން ކޯނަރެއް ތިއާގޯ ސިލްވާ ބޮލުން ޖަހައި ގޯލަށް ވައްދާލައި 2-2 ނަތީޖާއަށް ބަދަލުކޮށްލުންނެވެ.
މެޗްގެ ފަހު މިނެޓްކޮޅުގައި އޭސީ މިލާނުގެ ބްރެޒިލް ޑިފެންޑަރު ސިލްވާ ޖެހި ލަނޑާ އެކު ބާސާގެ ސަޕޯޓަރުން ފުރިބާރުވެފައި އޮތް ސްޓޭޑިއަމުން އަޑު ކެނޑުނު ކަމަށް މީޑިއާ ތަކުން ވެސް މިއަދު ވަނީ ބުނެފައެވެ.

މެޗަށްފަހު މިލާންގެ ކޯޗް މަސިމޯ އެލްގްރީ ބުނީ، މެޗްގެ ކުރީ ކޮޅު ބާސާކޮޅަށް ލަނޑެއް ޖެހި ނަމަވެސް، ފުރަތަމަ 30 މިނެޓްގެ ތެރޭގައި މިލާނަށް ބާސާގެ ގޯލަށް މާ އެދެވޭ ނުރަކަލެއް ނުކުރެވުނީ، ޑިފެންޑަރުންގެ ފަރާތުން ފޯވާޑުންނަށް ބޯޅަ ނުދެވޭތީއެވެ. އަދި މުހިންމު ދެ ފޯވާޑުން ނުލާ ކުޅުނު މިމެޗް އެއްވަރު ކުރުމަކީ މިލާނަށް ލިބުނު ހިތްހަމަ ޖެހުމަކަށް ވީއިރު، މެޗްގައި ކުޅުންތެރިން ކުރި ހިތްވަރަށް ހިތުގެ ފުންމިނުން ސާބަސް ރައްދު ކުރާކަމަށް ވެސް ކޯޗް މަސިމޯ ބުންޏެވެ.

"އަހަރެމެންގެ ފެށުން ދިޔައީ ވަރަށް ރަނގަޅަށް. އޭގެ ފަހުން މާބޮޑަށް ފަހަތަށް ޖެހިގެން ކުޅުނީ. އެކަމަކު އެއީ ބާސެލޯނާގެ ޕްރެޝަރުގެ ސަބަބުން. ބާސެލޯނާގެ ދަނޑުގައި އެ ޓީމު ކޮޅަށް ދެ ލަނޑު ޖެހުމަކީ ފަސޭހަކަމެއް ނޫން. ދެ ލަނޑު ޖެހިދާނެ ކަމަށް އުއްމީދު ވެސް ނުކުރަން. ޓީމް މެޗްގައި ކުރި ހިތްވަރަށް ހަމަ ސާބަސް" މިލާނުގެ ކޯޗު މަސިމޯ އެލެގްރީ ބުންޏެވެ.

ބާސާ ކޯޗް ގާޑިއޯލާ ބުނީ، އަމިއްލަ ދަނޑުގައި ރަނގަޅު ކާމިޔާބީއެއް ނުފެނުމުން ދެރަވާ ކަމަށާއި މެޗްގައި މިލާންގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ތައުރީފް ކުރާކަމަށެވެ. އަދި މެޗްގައި ލީޑް ނެގި ކަމުގައި ވިޔަސް، އިތުރު ލަނޑުތައް ކާމިޔާބު ނުކުރެވުމުގެ ހުރަހަކަށް ވީ މިލާނުގެ މެދުތެރެއިން ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅުމުން ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

"ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުއްޓަސް މެޗާ ދޭތެރޭ ހިތްހަމަޖެހޭ. ބާސާ ކުޅުން ރަނގަޅު. ނަސީބު ދެރައީ. އެބަހުރި ރަނގަޅު ކުރަންޖެހޭ ކަންތައްތައް. ފުރަތަމަ މެޗުން މިލިބުނީ އެއްޕޮއިންޓް. އަދި ބާކީ ފަސް މެޗް އެބޮތް" ގާޑިއޯލާ ބުންޏެވެ.

ބާސާއާއި މިލާން ބައްދަލުކުރި މެޗް:
• މިލާންކޮޅަށް ބާސާއިން 27 ސޮޓް ހެދި އިރު، ފުރިހަމަކޮށް ހެދުނީ ހަތް ސޮޓް
• ބާސާކޮޅަށް މިލާނުން ހަ ސޮޓް ހެދި އިރު، ފުރިހަމަކޮށް ހެދުނީ ތިން ސްޓް
• ބާސާއަށް 11 ކޯނަރު، މިލާނަށް ދެ ކޯނަރު
• ބާސާ ފަސް އޮފްސައިޑް، މިލާން ދެ އޮފްސައިޑް
• މެޗްގައި ބާސާ 75 ޕަސެޓް ކުޅުނުއިރު، މިލާނަށް ކުޅެވުނީ 25 ޕަސެންޓް
• ބާސާއަށް ތިން ރީދޫ، މިލާނަށް ދެ ރީދޫ
• ބާސާ އެއް ސޭވް ކުރިއިރު، މިލާން ފަސް ސޭވް ކުރި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ބައެއް މެޗްތަކަށް ބަލާއިރު ބެލާރޫސްގެ ބޭޓް އާއި ޗެކް ރިޕަބްލިކުގެ ވިކްޓޮރިއާ ޕްލެޒެންގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގްރޫޕް ޖީ އަށް ބަލާއިރު ސައިޕްރަސްގެ އޭޕީއޯއީއެލް އާއި ރަޝިއާގެ ޒެނިތު ސެއިންޓްޕީޓާސްބާގުގެ މެޗު 2-1 އިން ކާމިޔާބުކުރީ އޭޕީއޯއީއެލް އެވެ. ޕޯޗުގަލްގެ ޕޯޓޯ ވަނީ ޔޫކްރެއިނުގެ ޝަކްތާ ޑޮނެސްކްޓް އަތުން 2-1 އިން މޮޅުވެފަ އެވެ. ވެލެންސިއާ އާއި ގެނަކް ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
އާސެނަލްއާ ބޮރޫސިއާ ޑޯމަންޑް ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނެވެ.
މިމުބާރާތުގައި މިރޭވެސް އަށް މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، މިރޭ ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ ރާއްޖެ ގަޑިން 23:45 ގައެވެ.