16 Jul 2018, 09:03
އިސްރާއިލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރާއެއްގައި، ޝުކުރު ވެރިކަމާއެކު ދިވެހި ދިދަ ވިހުރުވާލި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ވެއްޖެއެވެ.
އުސާމާ ޚަލީލް އަބޫ ޚާތިރު 25، ޝަހީދުވެފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިސްރާއިލުން ފަލަސްތީނުގެ ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައެވެ. އޭނާގެ އަރިިކައްޓަށް ވަޒަނެއް އަރައިގެން ފަރުވާދެމުންދަނިކޮށް ޝަހީދުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
"ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި އިސްރާއިލާ ދެކޮޅަށް ފަލަސްތީނުގައި ކުރި މުޒާހަރާތަކުގައި ފަލަސްތީނުގެ ޒުވާނުންތަކެއް އިސްނަގައިގެން، އެ ބިމުގައި ދިވެހި ދިދަ ވަނީ ވިހުރުވާލައިފައެވެ. މިއީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނާ އެއްކޮޅަށް ދިވެހިން ކުރާ ވަކާލާތް އެގައުމުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަތުމަށް ކުރި ކަމެއް ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމަށްވާ "ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް"ގައި ބުނެފައިވެއެވެ.
ގްރޭޓް މާޗް އޮފް ރިޓާންގައި ފަލަސްތީނުގެ 132 މީހުން ޝަހީދުވެ 14،811 މީހުން ވަނީ ޒަޚާމްވެފައެވެ.
އިސްރާއިލުން ދަނީ ފަލަސްތީނަށް އަމާޒުކޮށްގެން މިހާރުވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން 2014 ވަނަ އަހަރަށްފަހު ފަލަސްތީނަށް އަމާޒުކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާތައް މި ހަފްތާ ބަންދުގައި ވަނީ ދީފައެވެެ.