15 Jul 2018, 23:27
އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަތުލް ކެޝަޕް ސަފީރު ކަމުން ވަކި ކުރެއްވުމުން މިރޭ ގައުމަށް ވަޑައިގެންފި އެވެ.
އަތުލް ރާއްޖެ އާއި ސްރީލަންކާގެ ސަފީރު ކަމަށް ކަނޑައެޅުއްވީ 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
މިދިޔަ ރޯދަމަހު އަތުލް ވަނީ ރާއްޖޭގެ ބައެއް އިސްފަރާތްތަކާ އެންމެ ފަހުގެ ބައްދަލުވުން ބާއްވައި ރޯދަ ވީއްލުމެއް ދެއްވާފަ އެވެ. އަދި މިއަދު ސްރީލަންކާގައި ކުލަ ގަދަކޮށް އަތުލްގެ ހިދުމަތްތައް ފާހަގަކޮށް ފެއާވެލްއެއް ވަނީ ބާއްވާފަ އެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު ޓެޕްލިޒް --- ފޮޓޯ/ ޓްވިޓާ
އެގިފައިވާ ގޮތުން ރާއްޖެއާ ލަންކާ އަށް ދެން ކަނޑައަޅުއްވަނީ މިވަގުތު ނޭޕާލުގައި ހުންނެވި އެމެރިކާ ސަފީރު އެލާނިއާ ޓެޕްލިޒް އެވެ.
އަތުލް ކެޝަޕަކީ ރާއްޖޭގައި ޑިމޮކްރެސީ ދެމެހެއްޓުމަށް ސަރުކާރުގެ ވެރިންނާ އެދިކޮޅު ފަރާތްތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވާ މަޝްވަރާ ކުރެއްވި ބޭފުޅެކެވެ.