15 Jul 2018, 20:36
އދ. ހަންޏާމީދޫ ދެ ކައުންސިލަރަކާއި އިތުރު ޒުވާނުންތަކެއް ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީއާ ގުޅިވަޑައިގަތީ އަމިއްލަ ގޮތުން ހަންޏާމީދޫ ކައުންސިލަށް އިންތިޚާބުވި ކައުންސިލްގެ ރައީސް މޫސާ ނާޒިމް އާއި ނައިބް ރައީސް ހަސަން އަޝްރަފެވެ. ކައުންސިލްގައި ދެން ހުރީ ވެސް ޕީޕީއެމްގެ މެންބަރެކެވެ.
ހަންޏާމީދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ޕާޓީއާ މިއަދު ގުޅުނު 12 ޒުވާނުން ވެސް ވަނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާ ފޯމް ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދެ ކައުންސިލަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚްރެއް ކަމަށެވެ. އަދި އެކަމުން އެނގެމުން ދަނީ ތަރައްގީއަށް ރައްޔިތުން އާ ބަސް ބުނަމުންދާކަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވީ ހަންޏާމީދޫއަކީ ކުރީގެ ސަރުކާރުތަކުން އަޅާނުލާ އޮތް ރަށެއް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯދުމަށް ކައުންސިލަރުން މަސައްކަތް ކުރާނެ ކަމަށެވެ.
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު ދެ ކައުންސިލަރުން ވިދާޅުވީ އެ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތީ ސަރުކާރުން ހަންޏާމީދުއަށް ގެންނަ ތަރައްގީ ބަލައިގަންނާތީ ކަމަށެވެ. އަދި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށް ދެ ކައުންސިލަރުން ވިދާޅުވިއެވެ.