ޔޫރަޕިއަން ޔޫނިއަން ރާއްޖެއާ މެދު ފިޔަވަޅު ނޭޅުމަކީ އަދިވެއް އުންމީދު ކުރައްވާ ގޮތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅާފާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފްތާގައި އިޝާރާތްކުރެއްވި އެވެ. ފިޔަވަޅު އެޅުމާ ބެހޭގޮތުން އީޔޫގައި މާދަމާ ބައްދަލުވުމެއް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އީޔޫގެ މައި މަރުކަޒު ހުންނަ ބްރަސަލްސްގައި މިވަގުތު ހުންނެވި ޝައިނީ 'ސަން' އަށް ވިދާޅުވީ އަދިވެސް އީޔޫގެ މެމްބަރު ގައުމުތަކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އުންމީދަކީ އަދިވެސް އީޔޫއިން ފިޔަވަޅު ނޭޅުން ކަމަށް ވިދާޅުވި އެވެ.

ދިވެހިންގެ ބަޔަކު ޔޫރަޕިއަން ޔޫނިއަންއަށް ދޮޮގު މައުލޫމާތުތަކެއް ފޯރުކޮށްދީގެން ރާއްޖެއާ މެދު ފިޔަވަޅުއަޅަން ބާރު އަޅާތީ ހިތާމަ ކުރާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅަކާއި ނައިބު އަދި ރައީސް އަދި ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުން އީޔޫގައި ދައްކަވާ ވާހަކަ ތަކަށް އެކަނި ބެލުމުގެ ބަދަލުގައި ހާލަތު ބެއްލެވުމަށް ރާއްޖެ ވަޑައިގަތުމަށް ޝައިނީ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ރާއްޖެއަކު އީޔޫ އެއްވެސް ގައުމެއްގެ އެމްބަސީއެއް ނުހުރެއޭ. އެހެންވީމަ ވަޑައިގަންނަވާށޭ ރާއްޖެއަށް ހާލަތު ބައްލަވަން. އަޅުގަނޑުމެންގެ ދޮރުތައް މިހުރީ ހުޅުވިފައި. ހަމަ ބޭނުންވާ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެ" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އީޔޫގައި ލޮބީ ކުރައްވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބަކަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވިދާޅުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އެހެންނަމަވެސް ސަރުކާރުން އިދިކޮޅު ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ހުރަސް ނާޅާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

" ދެން އެބޭފުޅުން އެބަވިދާޅުވޭ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދެޔޭ. ނަމަވެސް އަޅުގަނޑުމެން އޭރުވެސް ބުނަމުން ދިޔައީ އެލިޖަބަލް ކެންޑިޑޭޓެއް ދައްކާށޭ. އެބޭފުޅުން އިބްރާހިމް މުހައްމަދު ސޯލިހުގެ ނަން ފާސް ކުރައްވާ މިހާރު އެދަނީ ކުރިއަށް ދެއްތޯ. އެކަމަކަށް ހުރަހެއް ނެތް ދެއްތޯ،" ޝައިނީ ވިދާޅުވި އެވެ.

އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅާ ހާލަތަށް ދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ދެރަގޮތެއް ކުރިމަތިވާން ރައީސް ޔާމީން ދޫކޮށް ނުލައްވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.