މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު. ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން މަގާމުން ވަކިކޮށްފި އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ހަސަން ސައީދު، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުން ވަކިކުރީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެވެ.

އެކެއް ފެބްރުއަރީގެ ހުކުމާއި ގުޅިގެން ހަސަން ސައީދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާތަކެއް ވެސް އުފުލާފައެވެ. އެ ދައުވާތަކަކީ ގާނުނު ހިންގަން ހުރަސް އެޅުމުގެ ދައުވާއާއި ރިޝްވަތު ހިފި ކަމުގެ ދައުވާ އެވެ.

ހަސަން ސައީދުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލާފައިވާއިރ،ު އޭނާ ދިިރިއުޅޭ އެޕާޓްމެންޓް ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ހަސަން ސައީދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ހަސަން ސައީދު މަގާމުން ވަކިކޮށްފައިވާއިރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުރި ދައުވާތައް ސާބިތުވެ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ވެސް ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައެވެ. އެބޭފުޅުންގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް ކުރި ޖަލު ހުކުމްތައް ސައްހަ ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.