އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ކަން މުއައްވިޒް އާއި ފައިސަލް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ހައިކޯޓުގައި ތިބެން ޖެހޭނީ ޖުމްލަ 11 ފަނޑިޔާރުންނެވެ. އެ ކޯޓުން ދެ ފަނޑިޔާރެއްގެ މަގާމް ހުސްވެެފައިވ ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ބ. ފުޅަދުއަށް ނިސްބަތްވެވަޑައިގަންނަވާ ފައިސަލް އަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެމްބަރެވެ.

ގދ. ތިނަދުއަށް ނިސްބަތްވެވަޑައިގަންނަވާ މުއައްވިޒް އޭސީސީގައި ހުންނަވާތާ މިއީ ދެވަނަ ދައުރެވެ. މުއައްވިޒް އޭސީސީއަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ 2009 ވަނަ އަހަރުއެވެ. އޭނާ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ 2014 ވަނަ އަހަރުއެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 54000 ރުފިޔާ ލިބޭއިރު އޭގެ އިތުރުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯން އެލަވަންސް ވެސް ލިބޭނެއެވެ.