ވޮޝިންޓަން (ޖުލައި 15): އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރަޝިއާއިން ހެކް ކުރި މައްސަލާގައި ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރީގެ ރައީސް ބަރަކް އޮބާމާއަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އޮބާމާއަށް ފާޑު ވިދާޅުވީ، ރަޝިއާ އިން ޓްރަމްޕް ވެރިކަމަށް ގެނައުމަށް ޓަކައި އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލާގައި ޔޫއެސް ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ރަޝިއާގެ 12 އިންޓެލިޖެންސް އޮފިސަރުންގެ މައްޗަށް ދައުވާކުރި ފަހުންނެވެ.

އަދި އެދައުވާތަކާ ގުޅިގެން، ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މާދަމާ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކެންސަލް ކުރުމަށް އެމެރިކާގެ ގިނަ އަދަދެއްގެ މީހުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެމައްސަލާގައި ކުށްވެރި ވަނީ ރައީސް އޮބާމާގެ ސަރުކާރު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައި އެވެ. އަދި ރަޝިއާ އިން އިންތިހާބު ހެކް ކުރީ އޮބާމާ ސަރުކާރުގައި ކަމަށާއި އެކަން ހުއްޓުވުމަށް އެސަރުކާރުން މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވާފައި އެވެ.

"ރަޝިއާ އިން އެކަންތައް ކުރީ އޮބާމާގެ ވެރިކަމުގައި. ޓްރަމްޕްގެ ވެރިކަމުގައެއް ނޫން. ކީއްވެ އެސަރުކާރުން އެއްވެސް ކަމެއް ނުކުރީ. އަދި ހާއްސަކޮށް އިންތިހާބު ބޭއްވުމުގެ ކުރިން ރައީސް އޮބާމާއަށް އެކަން ރިޕޯޓުކޮށްފައި ވަނިކޮށް،" ޓްރަމްޕް ޓުވީޓު ކުރެއްވި އެވެ.

ރަޝިއާގެ އޮފިޝަލުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހާއްސަ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ޑިމޮކްރެޓިކް ނެޝަނަލް ކޮމިޓީ (ޑީއެންސީ)ގެ ކުރީގެ ޗެއާޕާސަން ޑެބީ ވޮސާމެން ޝަލްޓްސްއަށް ޖާސޫސުކޮށް، ޑިމޮކްރެޓިކް ޕާޓީގެ ކޮމްޕިއުޓަރުތައް ހެކް ކުރުން ހިމެނެ އެވެ.

ނަމަވެސް ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެދައުވާތައް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ. (ބީބީސީ)