14 Sep 2011, 14:46
ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިން ތަރި އަންދުރޭސް އިނިއެސްޓާ އަށް ލިބުނު އަނިޔާއާއި ގުޅިގެން އެއް މަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ނޯ ކޭމްޕްގައި އޭސީ މިލާނުން 2-2 ލަނޑުން ޗެމްޕިއަނުން ހިފެހެއްޓި މެޗުގެ 39 ވަނަ މިނެޓުގައި އިނިއެސްޓާ އަށް އަނިޔާވުމާއި ގުޅިގެން ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސެކް ފެބްރިގާސް ކުޅެން ނެރެފައެވެ. އިނިއެސްޓާގެ ފައިގެ މަސްގަނޑު އިރައިގެން ގޮސްފައިވާކަން މެޗަށް ފަހު ހެދި ޓެސްޓު ތަކުން ދައްކާކަމަށް ބާސާއިން ކަށަވަރު ކޮށްދީފައި ވެއެވެ.
އިނިއެސްޓާ ހަތަރު ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބާސާގެ ރަސްމީ ވެބްސައިޓެއްގައިވާ ބަޔާނެއްގައި ވެއެވެ. މި އަނިޔާއާއި ގުޅިގެން އިނިއެސްޓާ އަށް ޖެހޭނީ މިހާރުވެސް އަނިޔާގައި ހުރި އެލެކްސިސް ސަންޗޭޒް އާއެކު ބާސާގެ ފަރުވާދޭ ކޮޓަރީގައި ހުންނާށެވެ.
އެލެކްސިސް ސަންޗޭޒް އަށް ލިބުނު އަނިޔާއަކީ މިދިޔަ ހޮނިހިރު ދުވަހު ލިބިފައިވާ އަނިޔާއެކެވެ. މިއަނިޔާއާއި ގުޅިގެން ސަންޗޭޒް އަށް ޖެހިފައިވަނީ ދެހަފުތާ އަށް ކުޅުމާއި ދުރުގައި ހުންނާށެވެ. އިނިއެސްޓާ އާއި ސަންޗޭޒް އަށް އަނިޔާވުމާއި ގުޅިގެން ފެބްރިގާސް އަދި ޕެޑްރޯގެ ބޭނުން ކޯޗް ގާޑިއޯލާ އިތުރަށް ހިފާނެ ކަމަށް ބެލެވެއެވެ.