ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ހިންމަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ހަވީރު 4:40 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާ ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިންކޮޅަކާއި، ދެ ފޯނާއި، މެމޮރީ ކާޑެއް އަދި ޕެން ޑްރައިވެއް، އެ ކުއްޖާގެ އަތުގައި އޮތް ފޮއްޓެއްގެ ތެރެއިން ވަނީ ފެނިފައެވެ.

މި މައްސަލަ ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.