15 Jul 2018, 11:18
އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް އިލެކްޝަން ކޮމިޝަނުން ބަލައިގަނެ، ދަފްތަރުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އެމްޑީޕީގެ ކޮންގްރެސްއިން އަދި ޖޭޕީގެ ގައުމީ ކޮންފަރެންސްއިން ފާސްކުރި އެ ޕާޓީތަކުގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް އެ ކޮމިޝަނުން އެންޑޯސްކޮށް ދަފްތަރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީއާއި ޖޭޕީގެ ކޮންގްރެސް މޮނިޓާކުރުމުގެ ދައުވަތު އީސީއަށް ވަނީ ދީފައެވެ. އަދި އީސީން ވަނީ އެ ދެ ޕާޓީގެ ކޮންގްރެސް މޮނިޓާކޮށް، ކޮންގްރެސް ބާއްވާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެ ކޮންގްރެސްވެސް ބަލައިގަނެފައެވެ.
އަށް ސަތޭކައަށް އަށްވުރެ ގިނަ މަންދޫބުންނާއި އެކު އއ. އުކުޅަހުގައި އެމްޑީޕީން ކުރިއަށްގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގައި ވަނީ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ގައުމީ މަޖިލީހަށާއި ކޮންގްރެސްއަށް ދިނުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން އަލަށް ރައީސްގެ މަގާމު އުފައްދައި، އެ މަގާމަށް ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އިންތިޚާބުކޮށްފައެވެ. އަދި ލީޑަރުގެ މަގާމް ހުސްކޮށް ބަހައްޓައި، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއްގެ ގޮތުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކޮންގްރެސްއިން ހަމަޖައްސާފައެވެ.