ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މެރަޑޯނާ، އިޓަލީގެ ނަޕޯލީއަށް ހޯދައިދިން ފަދަ ކާމިޔާބީއެއް މެންޗެސްޓާ ސިޓީއަށް ހޯދައިދެވޭތޯ މަސައްކަތް ކުރާނެކަމަށް އެ ކުލަބުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގްއެރޯ ބުނެފިއެވެ.

މަރަޑޯނާގެ އަންހެން ދަރިއަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އަގްއެރޯ އެތުލެޓިކޯ މެޑްރިޑުން މެންޗެސްޓާ ސިޓީއަށް 38 މިލިޔަން ޕައުންޑުގެ އަގަކަށް ބަދަލުވި ފަހުން އޭނާ ވަނީ އެކުލަބަށް ކުޅުނު ހަތަރު މެޗުން ހަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ފުޓުބޯޅައިގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ވެފައިވާ މަރަޑޯނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު ނަޕޯލީއަށް ވަނީ އިޓަލީ ލީގާއި ޔޫއެފާ ކަޕުގެ އިތުރުން އިޓަލީ ކަޕް ވެސް ހޯދައި ދިނުމަށް އެހީތެރިވެދީ އެކަން ކާމިޔާބު ކޮށްފައެވެ. ޗެމްޕިއަންސް ލީގުގައި މިރޭ މެންސިޓީއާ ދެކޮޅަށް ނުކުންނީ ވެސް މެރަޑޯނާގެ ކުރީގެ ކުލަބު ނަޕޯލީއެވެ. ޕްރެމިއާ ލީގުގެ ދެ ވަނާގައިވާ އޮތް މެން ސިޓީއަށް ލީގު ތަށި ހޯދޭނެކަމަށް އަގްއެރޯ ގަބޫލުކުރެއެވެ.

"ނަޕޯލީއަށް ކާމިޔާބީ ހޯދައިދޭން މަރަޑޯނާ މަސައްކަތް ކޮށްދިން ގޮތަށް މެންސިޓީއަށް ކާމިޔާބީ ހޯދައިދެވޭތޯ އަހަރެން މަސައްކަތް ކޮށްދޭނަން. މިކަން ކާމިޔާބު ވެއްޖެނަމަ އެއީ އަހަރެންނަށް ލިބޭނެ ބޮޑު ކާމިޔާބީއެއް. އަހަރެން އަބަދުވެސް ބަލާނީ ކުޅުން، ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރެވޭތޯ،" އަގްއެރޯ ބުންޏެވެ.

އަގުއެރޯ އާއި މެރަޑޯނާގެ ކުޅުން އެއްގޮތްކަމަށް މީހުން ބުނަމުން ދާތީ، އެކަމާ އަގްއެރޯ ހިތްހަމައެއް ނުޖެހެ އެވެ. އަގްއެރޯ ބުނަނީ ފުޓުބޯޅާގައިވަނީ އެންމެ މެރަޑޯނާއެއްކަމަށާއި މަރަޑޯނާއާއި އެއް ފެންވަރަށް ނުދެވޭނެ ކަމަށެވެ.