ޕޯޓްއައުޕްރިންސް (ޖުލައި 15): ހެއިޓީގައި ތެލުގެ އަގު މަތިވުމުގެ ސަބަބުން އެގައުމުގައި ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ޖެކް ގީ ލަފޮން ޓަންޓް އިސްތިއުފާ ދެއްވައިފި އެވެ.

އެ މުޒާހަރާތައް ފެށުނީ ހެއިޓީން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، އެގައުމުގެ ފިއުލް ސަބްސިޑީތައް ކުޑަކުރުމުންނެވެ.

އައިއެމްއެފް އިން ބުނި ގޮތުގައި އެ ސަބްސިޑީތައް ކުޑަކުރުމުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް ހަރަދު ކުރަން ބޭނުންވާ ފައިސާ އިތުރުވާނެ އެވެ.

ނަމަވެސް އެ އިސްލާހުތަކާ ގުޅިގެން ހެއިޓީގައި ޕެޓްރޯލްގެ އަގު 38 ޕަސެންޓު އިތުރުވެ، ޑީސެލްގެ އަގު 47 ޕަސެންޓު އިތުރުވި އެވެ.

ހެއިޓީގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ހަތަރު މީހަކު މަރުވި -- ފޮޓޯ: އޭއެފްޕީ

އަދި އޭގެ ސަބަބުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ހަތަރު މީހަކު މަރުވެ، ގިނަ އަދަދެއްގެ އިމާރާތްތަކުގައި ރޯކޮށް، ފިހާރަތައް ލޫޓުވާފައިވެ އެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ ހެއިޓީގެ ސަރުކާރުން އެ އިސްލާހުތައް ގެނައީ އާއްމު ރައްޔިތުންގެ ހާލު ނޭނގޭތީ ކަމަށް ބުނެފަ އެވެ.

އަދި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑުވަޒީރު ލަފޮންޓަންޓުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ގޮވާލައިފަ އެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ލަފޮންޓަންޓް ވެރިކަމަށް ވަޑައިގެންނެވީ 2017 ވަނަ އަހަރެވެ. އޭނާގެ ވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތި އިތުރު ކުރުމާއި، އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމާއި، ސާފު ފެން ލިބޭ މީހުންގެ އަދަދު އިތުރު ކުރުން ހިމެނެ އެވެ. (ބީބީސީ)