މިއަދާއި މާދަމާ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިއަދާއި މާދަމާ އުތުރާއި މެދުތެރެއަށް ވާރޭ ވެހޭނެ ކަމަށާއި އެވްރެޖު ގޮތެއްގައި ވައި ގަދަވާނެ ކަމަށެވެ.

"ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ. މި ސަރަހައްދު ތަކަށް ކަނޑު ގަދަވާނެ،" މެޓުން ލަފާކޮށްފައިވާ ގޮތުގައި މި ސަރަހައްދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

މެޓުން ބުނީ ރާއްޖޭގެ ދެކުނަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"ނަމަވެސް މާދަމާ ދެކުނަށްވެސް ވިއްސާރަ ވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް މެޓުން ބުނެއެވެ.