ފާއިތުވި 2017 ވަނަ އަހަރު ނިމިގެން ދިޔައީ ބޮލީވުޑަށް ލޯބިކުރާ ފަރާތްތަކަށް ރަނގަޅު ފިލްމުތަކެއް ބަލާލަން ނުލިބި އެވެ. ނަމަވެސް މި އަހަރު ފެށިގެން މިހާތަނަށް ކާމިޔާބު މޮޅު ފިލްމުތަކެއް މިވަނީ ބެލުންތެރިންނާ ހަމައަށް އައިސްފައެވެ.

ފިލްމުތަކުގެ އިތުރުން އަހަރު ދެބައިވި އިރު ރިލީޒް ކުރި ފިލްމުތަކުގައި އެކްޓަރުންގެ ފަރާތުން ވެސް މޮޅު ހުށަހެޅުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެންކަމުން މި އަހަރު މިހާތަނަށް ފެނުނު އެންމެ މޮޅު ފަސް ހުށަހެޅުމަށް ބަލައިލާނަމެވެ.

ރަންވީރު ސިންގު

1. ރަންވީރު ސިންގ

ބޮޑެތި ގޮންޖެހުންތަކެއްގެ ސަބަބުން 2017 ވަނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައި އޮތް ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު" ރިލީޒް ކުރެވުނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. ދިމާވި މައްސަލަތަކެއްގެ ސަބަބުން ފިލްމަށް ލިބިފައިވާ ސަމާލުކަން އެތައް ގުނައެއް އިތުރުވެ، އެންމެންވެސް ތިބީ ފިލްމު ބެލުމަށް ކެތްމަދުވެފައެވެ. ފިލްމު ވެގެންދިޔައީ ވެސް އުންމީދު ކުރި ގޮތަށް ބަންސާލީގެ މޮޅު ފިލްމަކަށެވެ. އޯޑިއެންސްގެ އިތުރުން ކްރިޓީކުންގެ ތައުރީފު ވެސް ފިލްމަށް ލިބިގެން ދިޔައެވެ.

ޚާއްސަކޮށް ފިލްމުގައި އަލާއުއްދީން ޚިލްޖީގެ ރޯލުން ފެނިގެން ދިޔަ ރަންވީރު ސިންގ ގެ އެކްޓިން އަށް ތައުރީފުގެ ބަސްތައް އޮހެން ފެށިއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި "ޕަދްމާވަތު"ގައި ރަންވީރުގެ ފަރާތުން ފެނިގެން ދިޔައީ ފަހަކަށް އައިސް ހިންދީ ސިނަމާއިން ފެނިގެން ދިޔަ އެންމެ މޮޅު ހުށަހެޅުމެވެ.

ފިލްމަށް ތައްޔާރުވުމަށް ރަންވީރު ކުރި ބުރަ މަސައްކަތުގެ ސަބަބުން، ފިލްމުގެ ޝޫޓިން ނިނުމު އިރުވެސް "އަލާއުއްދީން"ގެ ރޯލު އޭނާއަށް ދޫކޮށްނުލެވުނެވެ. އެހެންކަމުން ޝޫޓިން ނިންމުމަށް ފަހު ރަންވީރު ވަނީ ސިކުނޑީގެ ޚާއްސަ ޑޮކްޓަރެއްގެ ފަރާތުން ފަރުވާ ވެސް ހޯދައިފައެވެ.

އާލިޔާ ބަޓް

2. އާލިއާ ބަޓް

މިދިޔަ އަހަރު ވެސް ގިނަ އެވޯޑު ހަފްލާތަކެއްގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔަ ޒުވާން އެކްޓަރު އާލިއާ ބަޓް ވަނީ މި އަހަރު ވެސް ޖަންގްލީ ޕިކްޗާޒްގެ ފިލްމު "ރާޒީ"ގައި ވަރުގަދަ ހުށަހެޅުމެއް ދައްކުވައިދީފައެވެ. މޭގްނާ ގުލްޒާރު ޑައިރެކްޓު ކުރި އެ ފިލްމުގައި އާލިއާ ފެނިގެން ދިޔައީ ޕާކިސްތާން އަސްކަރިއްޔާގެ އޮފިސަރަކާ ކައިވެނި ކޮށްގެން އެގައުމަށް ދާ އިންޑިއާ ޖާސޫސެއްގެ ރޯލުންނެވެ. އާލިއާގެ މޮޅު އެކްޓިންގެ ސަބަބުން އެ ރޯލު ވަނީ ވަރަށް ފުރިހަމައަށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 200 ކުރޯރުގެ އާމްދަނީއެއް ލިބިގެން ގޮސްފައެވެ.

3. ރަންބީރު ކަޕޫރު

ރަންބީރު ކަޕޫރަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޒުވާން އެކްޓަރުންގެ ތެރޭގައި ހުރި އެންމެ މޮޅު އެކްޓަރެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރަކީ ރަންބީރަށް މާ ކާމިޔާބު އަހަރުތަކެއް ނޫނެވެ. ފްލޮޕް ފިލްމުތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް އެކްޓުކުރުމަކީ އޭނާގެ ލޭގައި ހުރި ހުނަރެކެވެ. ރަންބީރު މިވަނީ ފިލްމު "ސަންޖޫ" އިން އޭނާގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ވެސް ސާބިތުކޮށްދީފައެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ސަންޖޫ" އަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ބަޔޮޕިކް އެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ރެކޯޑުތައް މުގުރަމުން އަންނަ އިރު، އެއީ ރަންބީރުގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި ރަންބީރުގެ އެކްޓިން އެންމެން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. ރަންބީރުގެ ވާހަކަ ދެއްކުމާއި، ހިނގުމާއި ހަށިގަނޑު ވެސް ސަންޖޭ އާއި ތަފާތެއް ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ފިލްމު ބަލަން އިންނަ އިރު ސްކްރީނުން ފެންނަނީ ސަންޖޭ ދަތު ކަމަށް ހީވާ ފަހަރު ވެސް ދާ ކަމަށް ފިލްމު ބެލި މީހުން ބުނެ އެވެ.

އަކްޝޭ ކުމާރު

4. އަކްޝޭ ކުމާރު

މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭގެ ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ" ވެގެން ދިޔައީ އަހަރުގެ އެންމެ މޮޅު އެއް ފިލްމަށެވެ. އެ ކާމިޔާބާއެކު އަކްޝޭ ވަނީ މި އަހަރު "ޕެޑްމޭން" ރިލީޒް ކޮށްފައެވެ. "ޕެޑްމޭން" އަކީ އިންޑިއާގައި ފުރަތަމަ ފަހަރަށް ހެޔޮ އަގެއްގައި އަންހެނުންނަށް ޕެޑް ލިބޭނެ ގޮތް ހަދައިދިން ސޯޝަލް އެކްޓިވިސްޓް އަރުނާޗަލަމްގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމެކެވެ. ފިލްމުގެ އިތުރުން ފިލްމުގައި އަކްޝޭ އާއި އެހެނިހެން ފަންނާނުންގެ ފަރާތުން ވެސް މޮޅު އެކްޓިން އެއް ފެނިގެން ދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ތަރުހީބު ލިބިގެން ދިޔަ އެވެ. އަދި އެފަދަ އިޖުތިމާއީ މައްސަލައަކަށް އަލިއަޅުވާލުމުން، އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވެ، އިންޑިއާގެ ފަގީރު ހިސާބުތަކުން ހެޔޮ ބަދަލު ފެންނަން ފަށައިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ވަރުން ދަވަން

5. ވަރުން ދަވާން

ވަރުން އަކީ އަރަމުން އަންނަ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. ކޮންމެ ކަހަލަ ރޯލަކަށް ވެސް ވަރުން ހަމަ އެއްވަނައެވެ. "ބަދްލާޕޫރު" އަދި "ޖުޅްވާ 2" ފަދަ ފިލްމުތަކުން ވަރުން ވަނީ އެކަން ސާބިތުކޮށްދީފައެވެ. އަދި މި އަހަރު ރިލީޒް ކުރި ޝޫޖިތު ސިރްކާރުގެ ފިލްމު "އޮކްޓޯބަރ"ގައި ވަރުން މިވަނީ މުޅިން ތަފާތު ރޯލެއް އަދާކޮށް ބެލުންތެރިންގެ ހިތްތައް އަތުލައިފައެވެ. ފިލްމުގައި ވަރުން އަދާކުރި "ޑޭން" ގެ ރޯލަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ. ބޮކްސްއޮފީހުގައި ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، ބެލުންތެރިންގެ އިތުރުން ކްރިޓީކުންނަށް ވެސް ފިލްމު ކަމުދިޔައެވެ.