ވިދިވިދިގެން 12 އަހަރު ވަންދެން ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް]މަޓީ[ ސެކްރެޓަރީ ޖެނެރަލްގެ މަގާމް އަދާކުރެއްވުމަށް ފަހު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ސިމް އިބްރާހީމް މުހައްމަދު ހުށަހަޅުއްވައިފި އެވެ.

ސިމް މިއަދު ވިދާޅުވީ މަޓީން ވަކިވެވަޑައިގަތުމަށް ހުށަހެޅުއްވީ، ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލު ކުރާ، އެ ސޯސިއޭޝަނުން ވަކިވެވަޑައިގަތުމަށް ހުށަހެޅުއްވީ މައިގަނޑު ތިން ކަމަކާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި އޭނާ އެ މަގާމު އަދާކުރެއްވުމުން އޭނާގެ އަމިއްލަ ވިޔަފާރިއަށް އެކަމުގެ ހިޔަނި އެޅޭތީ ކަމަށާއި މަޓީގެ ބޯޑް އޮތް ގޮތުން ވަކިބައެއްގެ މަސްލަހަތު ރައްކާތެރި ކުރެވޭ ގޮތަށް ބޯޑު އޮތުމާއި އަދި މީޑިއާގެ ކޮމެންޓްތަކަށް ބަލާ އިރު، މަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރި މަގާމަކަށްވާތީ އެ މަގާމު "ބައްކޮށްގެން" ގިނަ ދުވަސްތަކެއް ވަންދެން ހުންނަވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މަޓީން މުޅި އިންޑަސްޓްރީގެ މީހުންގެ މަސަލަހަތު ހިމާޔަތްނުކޮށްދޭ ކަމަށާއި އެތަނުގައި އޮންނަނީ ދެތިން ހަތަރު ޕާޓީއެއްގެ ބާރާއި ނުފޫޒު ކަމަށެވެ. އަދި ހާއްސަކޮށް ބޭރު މީހުން ހިންގާ ތަންތަނުގެ މަސްލަހަތު އެ ތަނުން ހިމާޔަތް ނުކޮށްދޭ ކަމަށެވެ.

ސިމް ވިދާޅުވީ އޭނާ އެހާ ގިނަ ދުވަސްތަކެއް ވަންދެން މަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ދެމިހުންނެވީ އޭނާގެ އަނބިކަނބަލުންނާއި ބޭފުޅުން ކިޔަވައިވިދާޅުވަމުން ދިއުމުން ކަމަށާއި ނަމަވެސް އަނބިކަނބަލުންނާއި ބޭފުޅުން މިހާރު ކިޔަވައިވިދާޅުވެ ނިމިފައިވާ ކަމަށާއި އަދި އަނބިކަނބަލުންނަށް ވަޒީފާއެއް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑު ވެސް ބޭނުން ވަނީ އަޅުގަނޑުގެ އަމިއްލަ ކަމެއްކޮށް، މާބޮޑު ނޫނަސް އަމިއްލަ ހިތްހަމަޖެހޭ ކަމަކައިގެން ކުރިއަށްދާން." ސިމް ވިދާޅުވި އެވެ.