ފީފާ ވޯލްޑް ކަޕް 2018ގެ ތިންވަނަ ހޮވި މެޗުގައި އިންގްލެންޑްގެ މައްޗަށް ބެލްޖިއަމްއިން ކުރި ހޯދައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މިއީ ބެލްޖިއަމްއިން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މީގެ ކުރިން ބެލްޖިއަމްއިން ވޯލްޑް ކަޕެއްގެ ތިންވަނަ ހޮވާ މެޗެއް ކުޅެފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައެވެ. އެ ފަހަރު ތިންވަނަ ހޮވާ މެޗުގައި ބެލްޖިއަމް ބަލިވީ ފްރާންސް އަތުންނެވެ.

އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައިވާ އިރު، އެޓީމުން ވަނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ކުޅެފައެވެ. އެ މެޗުގައި އިންގްލެންޑް ބަލިވީ އިޓަލީ އަތުންނެވެ.

މިރޭގެ މެޗަށް އިންގްލެންޑުން ނުކުތީ ފުރަތަމަ 11އަށް ފަސް ބަދަލަކާ އެކުގައެވެ. އެގޮތުން މެދަށް ކުޅޭ ޖޯޑަން ހެންޑަސަންގެ ބަދަލުގައި ޗެލްސީގެ ރޫބެން ލޮފްޓެސްޗީކު ފުރަތަމަ 11ގައި ފަށާފައިވާ އިރު، ފަހަތަށް ކުޅޭ ކައިލް ވޯކާގެ ބަދަލުގައި ފުރަތަމަ 11އިން ފެށީ ފިލް ޖޯންސްއެވެ.

ބެލްޖިއަމްއާއި އިންގްލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭގެ މެޗުގައި އިންގްލެންޑްގެ ފަހަތުން އެޝްލީ ޔަންގްގެ ބަދަލުގައި ޑެނީ ރޯސް ފަށާފައިވާ އިރު، އެރިކް ޑަޔާވެސް ވަނީ ފުރަތަމަ 11ގައި ކުޅެން ނުކުމެފައެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ބެލްޖިއަމްއިން ލީޑު ނެގިއެވެ. އަރިމަތިން ނޭސާ ޗެޑްލީ ނެގި ހުރަސް ގޯލަށް ވައްދާލީ ތޯމަސް މުނެއާއެވެ. ގޯލަށްފަހު ޑޮމިނޭޓް ކޮށްގެން ކުޅުނު ބެލްޖިއަމްއިން ވަނީ ފުރަތަމަ ހާފްގައިވެސް އިތުރު ހަމަލާތަކެއް އުފައްދާފައެވެ.

ބެލްޖިއަމްގެ ކުރިއަށް ކުޅެމުން ދިޔަ ރޮމެލޫ ލުކާކޫއަށް މެޗުގައި ހުސް ދެ ފުރުސަތެއް ލިބިފައިވާ އިރު، އޭނާއަށް މާޔޫސްކަން ކުރިމަތިވީ އެ ދެބޯޅަވެސް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުންނެވެ. މެޗުގައި ކެވިން ޑިބްރޭނާގެ ރީތި ޕާސްތައް ބެލްޖިއަމްގެ މެދުތެރެއިން ފެނިފައިވާ އިރު، އޭނާގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނިގެން ގޮސްފައިވެއެވެ. އެ ހަމަލާ މަތަކޮށް ބޭރުކޮށްލީ އިންގްލެންޑްގެ ޒުވާން ގޯލް ކީޕަރު ޖޯޑަން ޕިކްފޯޑެވެ.

ފުރަތަމަ ހާފްގައި އިންގްލެންޑް ބަލިކޮށް ފެނުނު ނަމަވެސް، ދެވަނަ ހާފްގައި އެޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއެވެ. ހާއްސަކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފޯޑުގެ ނުރައްކާ ފާހަގަކޮށްލެވުނެވެ.

ބެލްޖިއަމްއާއި އިންގްލެންޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މުބާރާތުގެ ރަން ބޫޓަށް އެންމެ ގާތް ކުރަމުންދާ ހެރީ ކޭންއަށް މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާގެ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. ކޭން ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފްގައި އިންގްލެންޑްގެ އެރިކް ޑަޔާގެ ދެ ހަމަލާއެއް ފާހަގަކޮށްލެވުނު އިރު، އޭނާގެ ފުރަތަމަ ހަމަލާ ދިފާއުކުރީ ބެލްޖިއަމްގެ ކީޕަރު ތީބޯ ކޯޓުއާއެވެ. ދެވަނަ ހަމަލާ ކޯޓުއާ ބޯމަތިން ޑަޔާ ފޮނުވާލި ނަމަވެސް، ގޯލް ރޮނގުމަތިން ސާފްކޮށްލީ ޓޮބީ އަލްޑަވެރާލްޑެވެ.

މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ބެލްޖިއަމްގެ ދެވަނަ ގޯލް ޖަހައިދިނީ ކެޕްޓަން އެޑެން ހަޒާޑެވެ. ހަޒާޑަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ.

މިރޭގެ މެޗަށްފަހު ބެލްޖިއަމްއަށް ވަނީ ވޯލްޑް ކަޕްގެ ލޯ މެޑަލް ދީފައެވެ.

މިރޭގެ މެޗަށްފަހު ފީފާގެ ރައީސް އިންފެންޓީނޯ، ބެލްޖިއަމްއަށް މެޑަލް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ. މާދަމާ ރޭ 8:00ގައި އޮންނަ ފައިނަލް މެޗުގައި ވާދަކުރާނީ ފްރާންސާއި ކްރޮއޭޝިއާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރަޝިއާގެ މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގައެވެ.