14 Jul 2018, 18:53
ޗެލްސީގެ ކޯޗުކަމާ މިއަދު ހަވާލުވި އިޓަލީގެ މައުރީޒިއޯ ސާރީ އެޓީމަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ، ޖޯޖީނިއޯ ޗެލްސީއަށް ސޮއިކޮށްފިއެވެ.
ޖޯޖީނިއޯ އަކީ ކުރިން ސާރީގެ އިރުޝާދުގެ ދަށުން ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އުމުރުން 26 އަހަރުގެ ޖޯޖީނިއޯ އަކީ އިޓަލީގެ ގައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ ތަރިއެކެވެ.
ޖޯޖީނިއޯ ޗެލްސީއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 50 މިލިއަން ޕައުންޑުގެ އަގެއްގައެވެ.
ޖޯޖީނިއޯ ހޯދުމަށް މެންޗެސްޓާ ސިޓީންވެސް މަސައްކަތް ކޮށްފައިވާ އިރު، މިދިޔަ ހޯމަ ދުވަހުވެސް ޖޯޖީނިއޯގެ އޭޖެންޓް ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ސިޓީއަށް ދިއުމަށް ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިންވެސް ނަޕޯލީގެ ރައީސް އޮރޭލިއޯ ޑި ލޮރެންޓިސް ބުނަމުން އައީ ޖޯޖީނިއޯ ބޭނުންވީ ޗެލްސީއާ ގުޅުމަށް ކަމަށެވެ.
ޗެލްސީއާ ގުޅުމަށްފަހު ޖޯޖީނިއޯ ބުނެފައި ވަނީ ޗެލްސީއަށް ސޮއިކުރެވުމުން ވަރަށް އުފާވާ ކަމަށާއި، އިނގިރޭސި ޕްރިމިއާ ލީގު ފަދަ ވަރުގަދަ ލީގެއްގައި ކުޅެލަން ފުރުސަތު ލިބުމަކީ މުހިއްމު ޗެލެންޖެއް ކަމަށެވެ.
ބްރެޒިލްއަށް އުފަން ޖޯޖީނިއޯ ނަޕޯލީއާ ގުޅިފައި ވަނީ 2014 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ނަޕޯލީއަށް 36 މެޗު ކުޅެދީފައެވެ. އެ ކްލަބުން ތާވަލުގެ ދެވަނައިގައި ލީގު ނިންމާލި އިރު، ޖޯޖީނިއޯއަކީ މުހިއްމު ކުޅުންތެރިއެކެވެ.
ޗެލްސީގެ ކޯޗުގެ މަގާމުގައި މިދިޔަ ދެ ސީޒަންގައިވެސް ހުރި އެންޓޯނިއޯ ކޮންޓޭ އެ މަގާމުން ވަކި ކުރީ އިއްޔެއެވެ. ޓީމުގެ ކޯޗުކަމާ ސާރީ ހަވާލުވެފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭނާ ބޭނުންވާ އިތުރު ކުޅުންތެރިންތަކެއް އަދި ޗެލްސީއަށް ގެންނާނެއެވެ.
ރަޝިއާއަށް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އަލެކްސެންޑަ ގޮލޮވިންއާއި ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ގެނައުމަށްވެސް ޗެލްސީން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.