އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށާއި، އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ޖުލައި 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ، އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލް ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަކީލް އިސްތިއުފާ ދެއްވުމާ އެކު އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވާ، މުސްލިމު ދިވެހި ރައްޔިތަކު ކަމުގައި ވުމާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމާއި، ގާނޫނު އަސާސީ އަދި އެއްވެސް ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭދުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން ވެސް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމިޝަނަށް މެމްބަރުން އައްޔަނުކުރަނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ.

ކޮމިޝަނުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އަދި ނައިބު ރައީސް އަމްޖަދު މުސްތަފާގެ އިތުރުން ކޮމިޝަނުގެ މެމްބަރުން އަހްމަދު އަކްރަމާއި އިސްމާއިލް ހަބީބު އަބްދުލްރަހީމެވެ.