14 Jul 2018, 14:36
ލަންޑަން (ޖުލައި 14): ޔޫރަޕިއަން ޔޫނިއަންއިން އިނގިރޭސިވިލާތް ވަކިވުމަށްޓަކައި ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލައްވާފައިވާ ޕްލޭންގެ ސަބަބުން އެ ގައުމާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ކުޑަވެއްޖެކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމަށް ފަހު، އެބަސްފުޅު އަނބުރާ ގެންދަވައިފިއެވެ.
އިއްޔެ ބޮޑުވަޒީރު މޭއާއެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަނާ ބޮޑުވަޒީރުގެ މަގާމު އަދާ ކުރައްވަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވަރަށް ފުރިހަމަ ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތް ކަމަށްވެސް ވިދާޅުވެފައެވެ.
"(ވިޔަފާރީގެ) އެއްބަސްވުމެއް ނެހެދޭނެ ކަމަށް ބުނާ ރިޕޯޓުތަކެއް އަޅުގަނޑު ކިޔާލިން. ނަމަވެސް ބޮޑުވަޒީރުގެ މީހުންނާއި ވިޔަފާރިއާ ބެހޭ މާހިރުންނާ ވާހަކަ ދެއްކުމަށް ފަހު އަޅުގަނޑަށް ގަބޫލު ކުރެވެނީ (އެއްބަސްވުމެއް) ހެދޭނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން ވަނީ ރާނީ އެލިޒަބެތާ ބައްދަލު ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވަނީ ބޮޑުވަޒީރު މޭގެ "ބްރެގްޒިޓް" ޕްލޭނަށް ފާޑު ވިދާޅުވެ އިންޓަވިއުއެއް ދެއްވާފައެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ ގޮތުން މޭއަށް ނަސޭހަތް ދެއްވި ކަމަށާއި ނަމަވެސް އެ ނަސޭހަތުގެ އަޑު މޭ އައްސަވާފައި ނުވާކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހަފްތާ ތެރޭގައި މޭ ވަނީ އިނގިރޭސިވިލާތް އީޔޫއިން ވަކިވި ނަމަވެސް، އީޔޫއާ އެކު ވަރަށް ގާތް ވިޔަފާރީގެ ގުޅުންތައް ބާއްވާނެ ކަމަށް ވިދާޅުވެފައިއެވެ.
"(އިނގިރޭސިވިލާތުން) އެގޮތަށް ނިންމައިފި ނަމަ، އެ ގައުމާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ހެދޭނެކަމަށް ގަބޫލު ނުކުރެވޭ. އެއީ މިހާރުވެސް އީޔޫގެ ސަބަބުން އަޅުގަނޑުމެންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވޭ،" ޓްރަމްޕް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސަށް ފަހު ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ވަނީ ޝާހީ ގަނޑުވަރަށް ވަޑައިގެން ރާނީ އެލިޒަބެތުއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުން އެއް ގަޑި އިރަށް ދެމިގެން ދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެމެރިކާގެ ރައީސާ ދެކޮޅަށް ކުރާ މުޒާހަރާއެއް، ޓްރަމްޕްގެ ސޫރަ ސިފަވާ ގޮތަށް ހަދާފައިވާ ފުއްޕާހަމެއް މައްޗަށް އަރުވާފައި -- ފޮޓޯ: ގެޓީ
އަދި އިއްޔެ ޓްރަމްޕް ވަނީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސްކޮޓްލޭންޑަށް ވަޑައިގެންފައެވެ.
ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް އިނގިރޭސިވިލާތާއި ސްކޮޓްލޭންޑުގައިވެސް ވަނީ ބޮޑު މުޒާހަތާއް ބާއްވާފައެވެ. އެގޮތުން ލަންޑަނުގެ ބޭއްވި މުޒާހަރާއެއްގައި ވަނީ ޓްރަމްޕްގެ ސޫރަ ސިފަވާ ގޮތަށް ހަދާފައިވާ ބޮޑު ފުއްޕާހަމަކަށް ހީލިއަމް އަޅައި، މައްޗަށް އަރުވާފައެވެ.
(ބީބީސީ)