ޗެލްސީގެ އާ ކޯޗަކީ އިޓަލީގެ ނަޕޯލީއަށް އިރުޝާދުދިން މައުރީޒިއޯ ސާރީކަމަށް ކްލަބުން އިއުލާން ކޮށްފިއެވެ.

ސާރީ ޗެލްސީގައި ފޫބައްދާނީ ވޭތުވެދިޔަ ދެ އަހަރު އެ ކްލަބުގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭގެ މަގާމެވެ. ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކޮށްފައި އިއްޔެގެ ވަގުތެއްގައެވެ.

މިދިޔަ ދެ ސީޒަންގައިވެސް ސެރެއާ އޭގެ ދެވަނައިގައި ނަޕޯލީން ނިންމާލި އިރު، އެޓީމަކީ މިދިޔަ ހަތް އަހަރު ތެރޭގައިވެސް ޗެމްޕިއަން ޔުވެންޓަސްއާ އެންމެ ގާތުން ލީގު ނިންމާލި ޓީމެވެ. މިދިޔަ ސީޒަން ނަޕޯލީން ނިންމާލީ ޔުވެންޓަސްއަށްވުރެ ހަތަރު ޕޮއިންޓު ފަހަތުގައެވެ.

ޗެލްސީއާ ހަވާލުވުމަށްފަހު ސާރީ ބުނެފައި ވަނީ ޗެލްސީގެ ފަރާތުން މީހުން ބަލާ ހިތްވާ ކަހަލަ ފުޓުބޯޅައެއް ފެނިގެންދާނެ ކަމަށެވެ. ޗެލްސީއަށް ބޭނުން ވަނީ ތަށި ކަމަށާއި، ކުރިއަށް އޮތް ސީޒަނަށްވެސް ނުކުންނާނީ ތަށްޓަށް އަމާޒުކޮށްގެން ކަމަށްވެސް ސާރީ ބުންޏެވެ.

އުމުރުން 59 އަހަރުގެ ސާރީ ޗެލްސީއާ ގުޅިފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެޓޭކިން ސްޓައިލެއް ގެންގުޅޭ ކަމަށް މަޝްހޫރުވެފައިވާ ސާރީ މިދިޔަ ސީޒަންގައި އިރުޝާދު ދިން ނަޕޯލީ ވަނީ ލީގުގައި 94 ގޯލް ޖަހައިފައެވެ.

ޓްރޮފީއެއް ލިބިފައި ނެތް ނަމަވެސް ސާރީ ވަނީ އިޓަލީގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އެމްޕޯލީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ. ފުޓުބޯޅައަށް ވަނުމުގެ ކުރިން ފައިނޭންޝަލް މަސައްކަތްތަކުގެ މަތީ ވަޒީފާތަކެއް އަދާކޮށްފައިވާ ސާރީއަށް ޗެލްސީ ވެގެންދާނީ އިޓަލީން ބޭރުގައި ކޯޗުކަން ކޮށްދޭ ފުރަތަމަ ކްލަބަށެވެ.

ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީއާ ހަވާލުވެފައި ވަނީ 2003 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 13 ކޯޗަކު ގެނެސްފައެވެ. ސާރީއަކީ ޗެލްސީއާ ހަވާލުވި ކޯޗުންގެ ތެރެއިން އިޓަލީއަށް އުފަން ހަ ވަނަ ކޯޗެވެ.

ޗެލްސީގެ ކޯޗަކީ ސާރީކަމަށް އެ ކްލަބުން މިއަދު އިއުލާންކޮށްފައިވާ އިރު، ނަޕޯލީން އޭނާގެ ބަދަލުގައި ގެންގޮސްފައި ވަނީ ކުރިން ޗެލްސީއަށް ކޯޗު ކޮށްދިން ކާލޯ އެންޗެލޮޓީއެވެ.