އދ. (ޖުލައި 14): އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އެމެރިކާ ވަކިވުމާ ގުޅިގެން ހުސްވި ގޮނޑިއަށް އައިސްލޭންޑް އިންތިހާބުކޮށްފިއެވެ.

އދގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓެއްގައި 192 މެމްބަރު ގައުމުތަކުގެ ތެރެއިން 172 މެމްބަރުން ވަނީ އައިސްލޭންޑަށް ވޯޓު ދީފައެވެ. އެހެންކަމުން 47 މެމްބަރުން ހިމެނޭ އެ ކައުންސިލުގެ މެމްބަރަކަށް އައިސްލޭންޑު ވަނީ ވެފައެވެ. އަދި އެ ގައުމުގެ ދައުރު ނިމޭނީ ޑިސެމްބަރު 2019 ގައެވެ.

މިދިޔަ މަހު އެމެރިކާއިން އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަކިވީ، އެ ކައުންސިލުން އިސްރާއީލާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެއެވެ.

އެމެރިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ ވިދާޅުވީ ދެފުށް ދެގޮތް ކައުންސިލެއްގައި އެމެރިކާ އޮތުމަކީ އެ ގައުމުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ކައުންސިލަކީ އިސްނާނީ ހައްގުތަކަށް ހަޖޫ ޖަހާ ކައުންސިލެއް ކަމަށް ވެސް ހޭލީ ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެ ގައުމުން ވަނީ ތިން އަހަރަށް މި ކައުންސިލް ބޯއިކޮޓް ކޮށްފައެވެ. އެއީ 2006 ވަނަ އަހަރުއެވެ. އަދި އެ ކައުންސިލުގައި އެމެރިކާ އަލުން ބައިވެރިވީ އޮބާމާގެ ވެރިކަމުގައި 2009 ގައެވެ.

(އޭއެފްޕީ)