14 Jul 2018, 12:49
ބްރެޒިލްގެ ތަރި ނޭމާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ރެއާލްއިން ނޭމާ ގެންދަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި އަނެއްކާވެސް ފެންމަތިވެފައިވާ އިރު، އެކަމާ ގުޅިގެން ރެއާލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޭމާ ގެންދިއުމަށް ރެއާލްއިން މަސައްކަތް ނުކުރާ ކަމަށް މީޑިއާގައި ސާފްކޮށްދޭން ބޭނުންވާ ކަމަށެވެ.
"ރެއާލް މެޑްރިޑުން ސާފް ކޮށްދޭން ބޭނުން ވަނީ ޕީއެސްޖީގެ ތަރި ނޭމާ ގެންދަން އެއްވެސް މަސައްތަކެއް ނުކުރާކަން،" ރެއާލްގެ ބަޔާނުގައިވެއެވެ.
މީގެ ކުރިންވެސް ރެއާލްއިން ނޭމާ ގެންދަން މަސައްކަތް ކުރާކަމުގެ ވާހަކަތައް ފެންމަތިވެފައިވާ އިރު، އެެ ފަހަރުވެސް ރެއާލްއިން ވަނީ އެ ވާހަކަތައް ދޮގުކޮށް، ބަޔާނެއް ނެރެފައެވެ.
ރެއާލްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރެއާލްއިން ޕީއެސްޖީގެ ދެމެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، ޕީއެސްޖީގެ އެއްވެސް ކުޅުންތެރިއަކު ގެންދަން ރެއާލްއިން ބޭނުންވާނަމަ، މުއާމަލާތުކުރާނީ ކްލަބާ ކަމަށެވެ. ކްލަބެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ގެންދަން ކްލަބުން ބޭރުން، ވަކިވަކި ކުޅުންތެރިންނާ މަޝްވަރާ ނުކުރާނެ ކަމަށްވެސް ރެއާލްގެ ބަޔާނުގައިވެއެވެ.
ބާސެލޯނާ ދޫކޮށް، ނޭމާ ޕީއެސްޖީއާ ގުޅުނީ ދުނިޔޭގެ ރެކޯޑު 200 މިލިއަން ޕައުންޑަށެވެ. މިދިޔަ ސީޒަންގެ ކުރީކޮޅުގައި ޕީއެސްޖީއާއެކު ނޭމާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް ސީޒަންގެ ފަހުބައި އޭނާ ހޭދަކުރީ އަނިޔާގައެވެ. ފެބްރުއަރީގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއިން ރަނގަޅުވެ ވޯލްޑް ކަޕް ކުޅެފައިވާ އިރު، ނޭމާ ވަނީ ބްރެޒިލާއކު ކުއާޓާ ފައިނަލް ކުޅެފައެވެ.