މިދިޔަ ހޯމަ ދުވަހު މ. ޕީޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހި، ފުއްޕާމެއަށް ދުމުގެ އަސަރު ކޮށްގެން ސީރިއަސް ހާލުގައި އޮތް މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން އަލީ ނިޔާޒު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަދޭން އައިޖީއެމްއެޗުގެ ޑޮކްޓަރުން ޖެހިލުންވެފައިވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ނިޔާޒްގެ ދައްތަ އައިމިނަތު އަނޫޒާ މިއަދު ބުނީ އަލިފާނުގެ ހާދިސާގައި ކޮއްކޮގެ ފުއްޕާމެއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި ވެންޓިލޭޓާގެ އެހީގައި ނޭވާލަމުން އަންނައިރު ދުވަހެއް ދުވަހަކަށް ހާލު ދަށްވަމުންދާ ކަމަށެވެ. ފުއްޕާމެއަށް ދުމުގެ އަސަރުކޮށްފައި ވުމުން، ހަށިގަނޑުގައި ލޭ ދައުރު ކުރުން ލަސްވެ، ސިކުނޑިއަށް އޭގެ ބާރު ބޮޑުވަމުންދާ ކަމަށާއި ސިކުނޑި ރަތްވެ ހަށިގަނޑު ދުޅަވެފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އަނޫޒާ ބުންޏެވެ.

"ދުމުގެ އަސަރު ފުއްޕާމޭގައި ހިފާފައި ހުރުމުން ސިކުނޑި ރަތްވެފައި ހުރި ކަމަށް )ޑޮކްޓަރުން( ބުނަނީ. އޭގެ ސަބަބުން މުޅި މީހާގެ ހަށިގަނޑު ދުޅަވެފަ އޮތީ،" އަނޫޒާ ބުންޏެވެ. އަލިފާނުގެ ހާދިސާގައި ނިޔާޒުގެ ދެ އަތްތިލައާއި ދެ ފައިތިލަ އަދި ކަކޫ ވަނީ ފިހިފަ އެވެ.

ނިޔާޒުގެ ހާލަތާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އޭނާ އޮތީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.

ޕިޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދެ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އެވެ. ނިޔާޒްގެ އިތުރުން ހޭނެތިގެން ގެންދިޔަ އެ އާއިލާގެ އެހެން މީހަކަށް ފަރުވާދިނުމަށް ފަހު އެ ދުވަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.