14 Jul 2018, 11:49
ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން މިދިޔަ އަހަރު ހިންގި ކޯސްތަކުން 459 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޕޮލިޓެކްނިކްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އިންސްޓްޓިއުޓުން ހިންގި 15 ކޯސް ނިންމި ދަރިވަރުންނަށް ވަނީ ސެޓްފިކެޓްތަކާ އެވޯޑްތައް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވަލް 3އާއި އެޑްވާންސް ސެޓްފިކެޓާއި އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނެއެވެ.

ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން ދަރިވަރުން ދަސްވެނިވުން ފާހަނގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕޮލިޓެކްނިކް
އެ ރަސްމިއްޔާތުގައި، ޕޮލިޓެކްނިކުން ހިންގި ކޯސްތަކުގެ ތެރެއިން ކޮންމެ ކޯހަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރަށް ވަނީ އެކްސެލެންސް އެވޯޑް އަރުވައިފައެވެ.

ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން ދަރިވަރުން ދަސްވެނިވުން ފާހަނގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް ވާހަކަދައްކަވަނީ--- ފޮޓޯ: ޕޮލިޓެކްނިކް
ހުނަރުވެރި މަސައްކަތްތައް ތަމްރީން ކުރުމުގެ ގޮތުން މި ޖޫންމަހުވެސް އެ އިންސްޓްޓިއުޓުގައި 18 ކޯހެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ވެލްޑިންއާއި، އައިޓީއާ، އާކިޓެކްޗާގެ އިތުރުން އިންޖީނާއި އައިސްއަލަމާރި ހެދުމާއި އަދި އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ ގިނަ ކޯސްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހަ މަހާއި، 18 މަހާއި އަދި ދެ އަހަރު ދުވަހުގެ ކޯސްތައް ހިމެނެއެވެ.
ޕޮލިޓެކްނިކުން ބުނީ އެ އެތަނުން ކުރިއަށް ގެންދާ ކޯސްތައް ނިންމާ ދަރިވަރުންނަށް ވަޒީފާތައް ހޯދައިދިނުމަށް އިސްކަންދޭ ކަމަށެވެ.