އިސްލާމްއާބާދު (ޖުލައި 13): ކޮރަޕްޝަނުގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަދި ދަރިބަކަނބަލުން މަރިޔަމް ނަވާޒް އިނގިރޭސިވިލާތުން ޕާކިސްތާނަށް ވަޑައިގަތުމާއެކުހެން އެގައުމުގެ ސިފައިން ހައްޔަރުކޮށްފިއެވެ.

ނާވާޒް ޝަރީފް ދަރުުތުކުރެއްވި މަތިންދާ ބޯޓު ލާހޯރަށް ޖެއްސުމާއެކުހެން އޭނާވަނީ ހައްޔަރުކޮށް އަސްކަރީ ބޯޓެއްގައި ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައެވެ.

ޕާކިސްތާނަށް ވަޑައިގެންނެވުމުގެ ކުރިން ނަވާޒް ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ގައުމަށް ވަޑައިގަންނަވާއިރަށް ޖަލަށް ލާނެކަން އެނގޭ ކަމަށާއި އެހެންނަމަވެސް ޕާކިސްތާނުގެ ރައްޔިތުންނަށްޓަކައި ޖަލަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަވާޒް ޝަރީފް ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ---

ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގެންނެވުމާ ދިމާކޮށް ލާހޯރުގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ. އަދި އޭނާގެ ޕާކިސްތާން މުސްލިމް ނަވާޒް (ޕީއެމްއެލް-އެން)އަށް ތާއިދުކުރާ ގިނަ އަަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މިދިޔަ ހަފްތާގައި ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓުން ނަވާޒް ޝަރީފް ޖަލަށްލާން ހުކުމް ކުރީ ލަންޑަނުގައި ހުރި ހަތަރު ފްލެޓެއް ބައްލަވައިގެންނެވީ ނާޖާއިޒު ގޮތަކަށް ކަމަށް ބުނެއެވެ.

ނަވާޒް ޝަރީފް ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ---

އަދި އެކުށް ކުރުމުގައި އެހީތެރިވުމުގެ ސަބަބުންނާއި މައްސަލައިގެ ޝަރީއަތަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން މަރްޔަމް ނަވާޒްގެ މައްޗަށްވެސް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

އެ ދެ ބޭފުޅުންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށާއި، ނަމަވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ދެ ބޭފުޅުން ފުލުހުންނާ ހަވާލުވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ނަވާޒް ޝަރީފް ހައްޔަރުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ---

މިދިޔަ އަހަރުގެ ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރީވެސް ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އެ މައްސަލަތައް ފެންމަތިވީ 2015 ވަނަ އަހަރު ލީކުކޮށްލި ޕެނަމާ ޕޭޕާސްއާ ގުޅިގެންވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން ނަވާޒް ޝަރީފްގެ އާއިލާއިން ލަންޑަނުގައި ހުރި ފްލެޓުތައް ގަނެފައި ވަނީ އެ މީހުންނާ ގުޅުން އޮފްޝޯ ކުންފުނިތަކެއް މެދުވެރިކޮށެވެ.