13 Jul 2018, 22:15
ޕާކިސްތާނުގައި މިމަހު 25 ވަނަ ދުވަހު ބާއްވާ ޖެނެރަލް އިލެކްޝަންސްއާ ދިމާކޮށް ކުރިއަށް ދިޔަ ކެމްޕޭން ހަރަކާތެއްގެ ތެރެއިން ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އިންތިހާބްގައި ވާދަކުރައްވާ ކެންޑިޑޭޓާއެކު 111 މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ބަލޯޗިސްތާންގެ އަވަށެއް ކަމަށްވާ ދުރިންގާގައި ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއްގައި ވަނީ ޕާކިސްތާނީ އަވާމީ ލީގް ޕާޓީގެ ކެންޑިޑޭޓެއް ކަމަށްވާ ސިރާޖް ރައިސާނީ ވަނީ މަރުވެފައެވެ.
ބަލޯޗިސްތާނުގެ ހޯމް މިނިސްޓަރު އަގާ އުމަރު ބަންގުލްޒާއީ ވިދާޅުވީ އެއީ އަވާމީ ލީގު ޕާޓީ ކެމްޕެއިންއަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށެވެ.
ސިރާޖް އިންތިހާބްގައި ވާދަކުރައްވުމުގެ ގޮތުން ކެމްޕޭންކުރީ އޭނާގެ އަވަށް މަސްތުންގްގެ ގޮނޑިއަކަށެެވެ. މީގެ ކުރިންވެސް އެ ސަރަހައްދަށް ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ޖަންގްވީއިން ވަނީ ހަމަލާ ތަކެއް ދީފައެވެ. ނަމަވެސް މީގެ ކުރިން އެގްރޫޕުން އެ ސަރަހައްދުގައި ހަމަލާދީފައިވަނީ އާންމުކޮށް ޝީއާ މުސްލިމުންނަށް އަމާޒުކޮށެވެ.
ޕާކިސްތާނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ބަލޮޗް ހަނގުރާމަވެރިންވެސް މީގެ ކުރިން ވަނީ އެ ސަރަހައްދަށް ހަމާލާތަކެއް ދީފައެވެ. އަދި އިންތިހާބާ ދިމާކޮށް ހަމަލާދޭނެ ކަަމުގެ އިންޒާރު އެ ގްރޫޕްތަކުން ފަހަކަށް އައިސް ވަނީ ދީފައެވެ.
މިއަދު ހެނދުނުވެސް ޕާކިސްތާނުގެ ހައިބަރުޕަހްތުންހުވާ ސްޓޭޓްގެ ސަހަރެއް ކަމަށްވާ ބާނޫގައި ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެ 19 މީހުން ވަނީ ޒަހަމްވެފައެވެ.