ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިން މޭޓަކަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އިންތިޚާބުކޮށްފިއެވެ.

އިބޫގެ ރަނިން މޭޓަކު ހަމަޖެއްސުމުގެ ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީން ރަނިން މޭޓުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަމުން ފައިސަލް ނަސީމްގެ އިތުރުން ކުރިމަތިލެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

ރަނިން މޭޓަކު ހޮވުމަށް ޖޭޕީ ކައުންސިލްގައި މިރޭ ނެގި ވޯޓުގައި ފައިސަލް ނަސީމަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަލީ ހުސައިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އަމީންއަށް ނުވަ ވޯޓް ލިބިވަޑައިގަތްއިރު ޑރ. ހުސައިނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އެއް ވޯޓު ވަނީ ބާތިލްވެފައެވެ.

ރަނިން މޭޓް ކަމަށް ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ހަތަރު ބޭފުޅުން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވޯޓުގެ ނަތީޖާ އިއުލާން ކުރުމާއެކު އިންތިޚާބްގައި ނާކާމިޔާބުވެވަޑައިގަތް ތިން ބޭފުޅުން ވަނީ ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައި އޭނާއާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައެވެ.

އިދިކޮޅު ތިން ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ތާއިދު ކުރާ ފަރާތްތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން ރިޔާސީ ކެންޑިޑޭޓް ނެރުމުގެ ފުރުސަތު އެމްޑީޕީއަށް ދީފައިވާއިރު ރަނިން މޭޓު ނެރުމުގެ ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ.