ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް އޮންނާނީ އެ އަހަރު ނޮވެންބަރު އަދި ޑިސެންބަރު މަހުގައި ކަމަށް ފީފާއިން އިއުލާން ކޮށްފިއެވެ.

މިއަދު ފީފާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކޮށްފައިވާ އިރު، ގަތަރުގެ ވޯލްޑް ކަޕް ވެގެންދާނީ ފިނި މޫސުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ.

ގައުމުތަކުގެ ލީގު ސީޒަން ނިމި، ކުރިން ވޯލްޑް ކަޕް ބާއްވަމުން އަންނަނީ ހޫނު މޫސުމުގައެވެ. ގަތަރުގެ ހޫނުމިން ހޫނު މޫސުމުގައި 50 ޑިގްރީ ސެލްސިއެސްއަށް އަރާ އިރު، ފީފާއިން އެ ގައުމުގެ ވޯލްޑް ކަޕް ފިނި މޫސުމަށް ބަދަލުކުރީވެސް އެ ސަބަބަށްޓަކައެވެ. ގަތަރުގެ ފިނި މޫސުމުގެ ހޫނުމިނަކީ ގާތް ގަނޑަކަށް 30 ޑިގްރީ ސެލްސިއަސްއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ --- ފޮޓޯ/ އޭޕީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެފައި ވަނީ ރަޝިއާގައި ކުރިއަށްދާ ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. ހާއްސަކޮށް މުޅިން އަލަށް ބޭނުންކުރަން ފެށި ވީއޭއާރް ޓެކްނޮލޮޖީއަށްވެސް އިންފެންޓީނޯ ވަނީ ތައުރީފް ކޮށްފައެވެ.

ގަތަރު ވޯލްޑް ކަޕް ބާއްވަން އޮތީ މިހާރުވެސް އޮތް 32 ޓީމުގެ ފޯމެޓަށް ކަމަށްވީ ނަމަވެސް، އިންފެންޓީނޯ މިއަދު ދެއްކި ވާހަކަފުޅުގައި ގަތަރުގެ ވޯލްޑް ކަޕަށް ޓީމުތައް އިތުރުކުރާ ކަހަލަ ވިސްނުމެއް ފީފާއިން ގެންގުޅޭ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން އޮތް ގޮތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމުން ވާދަކުރާނެ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ.

ގަތަރުގެ ވޯލްޑް ކަޕް ފިނި މޫސުމަށް ބަދަލުކުރުމާއެކު ފުޓުބޯޅައިގެން ބައެއް އެނަލިސްޓުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން އިންގްލެންޑްގެ ކުރީގެ ފޯވަޑް އަދި މިހާރު ބީބީސީގެ އެނަލިސްޓް ގެރީ ލިނެކާގެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ ވޯލްޑް ކަޕަކީ ކްލަބު ފުޓުބޯޅައަށް ހުރަސް އެޅިގެންވާނެ މުބާރާތެއް ނޫން ކަމަށާއި، ވޯލްޑް ކަޕަކީ ހޫނު މޫސުގެ މުބާރަތެއް ކަމަށެވެ. ފީފާއިން ފިނި މޫސުމަށް ވޯލްޑް ކަޕް ބަދަލުކުރަމަކީ ބޮޑު ލަދެއް ކަމަށްވެސް ލިނެކާގެ ޓްވީޓްގައި ބުނެފައިވެއެވެ.