13 Jul 2018, 17:06
ދިވެހިބަހުގެ ގަވައިދުގެ ބައެއް ބައިތައް އަލުން މުރާޖާކޮށް، އެއާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ ދިވެހިބަހުގެ ބައެއް ގަވައިދުތައް އަލުން މުރާޖާކުރަން ނިންމީ ދިވެހި ބަސް ޒަމާނަށް ފެތޭނެ ގޮތަކަށް ބަހުގެ ގަވައިދުތައް ފެއްތުމުގެ ގޮތުން ކަމަށެވެ.
އަޝްރަފް ވިދާޅުވީ ބަހުގެ ގަވައިދަކީ ވަރަށް ކުރީއްސުރެ ވެސް ހެދެމުން އައި، އަދި އެކި ޒަމާންތަކުގައި ބަދަލުތައް ެގނެވިފައިވާ އެއްޗެއް ކަމަށާއި، މިހާރަށް އެކަށޭނަ ގޮތަކަށް ގަވައިދުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
"ބަހުގެ އިލްމު ތަރައްގީވެ، ދިވެހިބަހުގެ ދާއިރާއިން ކިޔަވައިގެން ބޭފުޅުން ތިއްބެވުމާއި، އަދި ބަހަވީ ދާއިރާއިން ބޭފުޅުން ކިޔަވައިގެން ތިއްބެވުމާއެކީ، އެކެޑެމީއަށް އަލުން ފެނުނީ ދިވެހިބަހުގައި މިހާރު އެކަށޭނަ ގަވައިދުތައް މުރާޖާކުރަން ޖެހޭނެކަން،" އަޝްރަފް ވިދާޅުވިއެވެ.
ދިވެހިބަހުގެ ގަވައިދު މުރާޖާކުރުމުގެ ގޮތުން 2012 ވަނަ އަހަރު ދިވެހިބަހުގެ ގަވައިދު ކޮމިޓީއެއް އެކުލަވާލެވުނެވެ. އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ދިވެހިބަހުގެ ގަވައިދުތައް މުރާޖާކޮށް، އާ ގަވައިދުތަކަށް ބެނުންވާ ލަފާތައް އެކެޑެމީއަށްް ދިނުމެވެ.
''[އެގޮތުން] ނަމުގެ ބައި އެބޭފުޅުންނަށް ނިންމާލެވި، އޭގެ މައްޗަށް އާންމުންގެ ހިޔާލަށް މިހުޅުވާލީ،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ އާންމުންގެ ޚިޔާލު ހޯދުމަށް، ބަހުގެ އާ ގަވައިދުތައް ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާނެ ކަމަށެވެ.
އަދި އެކި ތަންތަނުގައި ބަހުގެ އިލްމާއި އެހެނިހެން އިލްމު އުނގެނެމުންދާ ފަރާތްތަކާއި ބަހަށް ލޯބިކުރާ ފަރާތްތަކާއި ފެކަލްޓީތަކުގެ ދަރިވަރުންނަށް މި ގަވައިދުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
"[ބަހުގެ ގަވައިދުގެ] މި ބައިތައް ރަނގަޅަށް ވިދާޅުވުމަށްފަހު ހިޔާލުފުޅުތަކެއް ދެއްވާ. އަޅުގަނޑުމެން ހިޔާލުތަކުގެ މައްޗަށް ބަލާފައި މި ނަމުގެ ބައިވެސް ފައިނަލްކޮށް އާ އިސްލާހެއް ނެރޭނީ" އަޝްރަފް ވިދާޅުވިއެވެ.