ބޭނުންވަނީ މެންޗެސްޓާ ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކަމަށް ޓީމާ އަލަށް ގުޅުނު އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މަހަރޭޒް ބުނެފިއެވެ.

ސިޓީގެ ރެކޯޑު އަގަކަށް މަހަރޭޒް އެ ކްލަބާ ގުޅުނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގުގެ ތަށިވެސް އުފުލާލައިފައިވާ މަހަރޭޒް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް 2016 ވަނަ އަހަރު ހޯދައިފައެވެ.

"ސިޓީގެ ވިސްނުން ހުރީ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް. މިދިޔަ އަހަރު ކުއާޓާއިން ކެޓި ނަމަވެސް ސިޓީން މިހާރު ވިސްނުން ހުރީ އެއަށްވުރެ ކުރިއަށް ދިއުމަށް. އަހަރެން ބޭނުން ވަނީ ސިޓީއާއެކު ޗެމްޕިއަންސް ލީގު ނަގަން،" މަހަރޭޒް ބުންޏެވެ.

މަހަރޭޒް ބުނީ ޗެމްޕިއަންސް ލީގަކީ ބޮޑެތި ކްލަބުތަކަށް އޮންނަ މުބާރާތެއް ކަމަށާއި، ސިޓީއަކީ ބޮޑު ކްލަބެއް ކަމަށެވެ.

"ސިޓީއަކީ ބޮޑު ކްލަބެއް. ސިޓީގެ ކޯޗު ގާޑިއޯލާއަކީ ކާމިޔާބު މެނޭޖަރެއް. އޭނާ ވަނީ ހުރިހާ ކާމިޔާބީއެއް ހޯދައިފަ. އޭނާގެ މޮޅުކަން ސާބިތުކޮށްދީފަ. ގާޑިއޯލާއާއެކު މަސައްކަތްކޮށް، ކާމިޔާބު ހޯދަން އަހަރެން ސިޓީއަށް ބަދަލުވީ،" މަހަރޭޒް ބުންޏެވެ.

މަހަރޭޒް ސިޓީއަށް ބަދަލުވެފައި ވަނީ ކްލަބު ރެކޯޑު 60 މިލިއަން ޕައުންޑުގެ އަގަކަށެވެ. މީގެ ކުރިން ސިޓީއަށް އެންމެ އަގުބޮޑުކޮށް ގެންގޮސްފައި ވަނީ ޑިފެންޑަރު އަމެރިކް ލަޕޯޓޭއެވެ. އެތުލެޓިކޯ މެޑްރިޑުން އޭނާ ސިޓީއަށް ބަދަލުވީ 57 މިލިއަން ޕައުންޑުގެ އަގެއްގައެވެ.

މަހަރޭޒް ގެންދަން މިދިޔަ ޖެނުއަރީ މަހު ޓްރާންސްފާ ސީޒަންގައިވެސް ސިޓީން މަސައްކަތް ކޮށްފައިވާ އިރު، އެފަހަރު ލެސްޓާއިން ވަނީ މަހަރޭޒްއަށް ސިޓީން ހުށަހެޅި އަގަށް ނުވިއްކާނެ ކަމަށް ބުނެފައެވެ.

ލެސްޓާއިން 2015-16 ވަނަ އަހަރުގެ ޕްރިމިއާ ލީގު އުފުލާލި އިރު، މަހަރޭޒް އަކީ އެ ޓީމުގެ މައި ތަނބެވެ. އޭނާ ވަނީ އެ ސީޒަންގެ ޕީއެފްއޭ ޕްރިމިއާލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ލެސްޓާއަށް މަހަރޭޒް ކުޅުނު 179 މެޗުން އޭނާ ވަނީ 48 ގޯލު ޖަހައިފައެވެ.