ސްރީލަންކާގައި ތިންވަނަ ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގައި މިހާރު ހުންނަނީ ބައިނަލްއަގުވާމީ ދެ އެއާޕޯޓެވެ. އެއީ ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި ސްރީލަންކާގެ ދެކުނުގެ ހަމްބަންތޮޓަ ޑިސްޓްރިކްޓުގައި ހުންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓެވެ.

ސްރީލަންކާގެ އިރުމަތީގެ ޓްރިންކޮމަލީ ޑިސްޓްރިކްޓުގެ ތަރައްގީގެ މާސްޓާޕްލޭން މިދިޔަ ހަފްތާ ތެރޭގައި އިފްތިތާހުކުރި އިރު، އެ ޕްލޭނުގައި ވާ ގޮތުން ލަންކާ ސަރުކާރުގެ އަމާޒަކީ ޓްރިންކޮމަލީއަކީ 2050 ވަނަ އަހަރުގެ ކުރިން ލަންކާގެ އިރުމަތީގެ ޓޫރިޒަމް ނާރެހެއްގެ ގޮތުގައި ތަރައްގީކުރުމެވެ. އަދި ޓްރިންކޮމަލީއާއި ކޮލޮމްބޯ އަދި މުޅި ދުނިޔެއާވެސް ގުޅުވާލުމެވެ.

މިކަމަށްޓަކައި ޓްރިންކޮމަލީ ކައިރީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް މާސްޓަޕްލޭނުގައި ހިމަނާފައިވެއެވެ.

މި އެއާޕޯޓު އަޅަން ޕްލޭންކޮށްފައިވަނީ ޓްރިންކޮމަލީ ޑިސްޓްރިކްޓުގެ ހުޅަނގު ދެކުނުގައި އޮންނަ ޕޮލޮންނަރުވަ ޑިސްޓްރިކްޓުގެ ހިނގުރަކްގޮޑަ ޓައުންގައެވެ. ހިނގުރަކްގޮޑަގައި މިހާރުވެސް މިލިޓަރީ އަދި ޑޮމެސްޓިކް އުދުހުންތަކަށް ޚިދުމަތްދޭ އެއާޕޯޓެއް އޮވެއެވެ. ހިނގުރަކްގޮޑަގައި އަޅަން ރާވާފައިވާ ބައިނަލްއަގުވާމީ އެއާޕޯޓަކީ އަލަށް އަޅާ ތަނެއް ކަމެއް، ނުވަތަ މިހާރުގެ އެއާޕޯޓު ތަރައްގީކޮށްގެން ހަދާ ތަނެއް ކަމެއް ސާފެއް ނުވެއެވެ.

ޕޮލޮންނަރުވަ ޑިސްޓްރިކްޓަކީ ލަންކަގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނިސްބަތްވެވަޑައިގަންނަވާ ޑިސްޓްރިކްޓެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ މި މާސްޓަޕްލޭން ތަންފީޒުކުރުމުން، ސްރީލަންކާއަކީ އިންޑިއާ ކަނޑުގެ ނާރެހުގެ ގޮތުގައި ތަަރައްގީކުރުމުގެ މަގުޗާޓު ފުރިހަމަވާނެ ކަމަށެވެ.

"ކޮލޮމްބޯ ބަންދަރާއި ހަމްބަންތޮޓަ ބަނދަރު ވަރަށް މުހިންމު. އިންޑިއާގެ ހުޅަނގު ކޮޅުގެ ތަރައްގީއާއި އިރާނުގެ ތަރައްގީއަށް ކޮލޮމްބޯ ވަރަށް މުހިންމު ވެގެން ދާނެ. ސުއޭޒް ކެނަލް މެދުވެރިކޮށް ސިންގަޕޫރު ފަދަ ގައުމުތަކަށް ދާ ބޮޑެތި ބޯޓުފަހަރަށް ހަމްބަންތޮޓަ ބަނދަރު ވަރަށް މުހިންމު ވާނެ،" ބޮޑުވަޒީރު ރަނިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ބޭ އޮފް ބެންގޯލް ސަރަހައްދުގެ ގައުމުތައް ވަރަށް ހަލުއި ދުވެއްޔެއްގައި ތަރައްގީވާނެ ކަމަށް ބެލެވޭ އިރު، ސްރީލަންކާގެ އިރުމަތި ވެސް އެކަމަށް ތައްޔާރުވާން އެބަ ޖެހޭ ކަމަށެވެ.