13 Jul 2018, 13:10
ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ސައުދީ ކޯލިޝަނުގައި ހިމެނޭ ސައުދީ އަރަބިއްޔާގެ ވައިގެ އަސްކަރިއްޔާގެ ފައިޓަރު ޖެޓެއް ވެއްޓިއްޖެއެވެ.
ސައުދީ ކޯލިޝަނުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުގައި ސައުދީ ރޯޔަލް އެއާފޯސްއަށް ނިސްބަތްވާ ޓޯނާޑޯ ފައިޓާ ޖެޓެއް ވަނީ ސައުދީގެ ހުޅަނގު ދެކުނުގައި އޮންނަ ޢަސީރު ޕްރޮވިންސަށް ވެއްޓިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖެޓު ވެއްޓުނީ އަސްކަރީ ތަމްރީނުތަކެއް ނިންމާލުމަށްފަހު އެނބުރި އައި ދަތުރުމަތީގައެވެ. އަދި ޖެޓު ވެއްޓެން މެދުވެރިވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.
މާލިކީ ވިދާޅުވީ ޖެޓުގައި ތިބީ ދެ ޕައިލެޓުން ކަމަށާއި، ދެ މީހުންގެ ފުރާނަ ވެސް ސަލާމަތްވި ކަމަށެވެ.
ޔަމަނުގެ އިންތިޚާބީ ސަރުކާރަށް ތާއީދުކޮށް، އެގައުމުގައި ބާރު ހިންގަމުން ގެންދާ ހޫޘީންނާ ދެކޮޅަށް ސައުދީއިން ހަނގުރާމަ ކުރަމުން ގެންދާތާ ވަނީ ތިން އަހަރު ވެފައެވެ. މި ހަނގުރާމައިގައި ސައުދީ ކޯލިޝަނުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ބަހްރައިން، ކުވައިތު، މިސްރު، އުރުދުން، މޮރޮކޯ، ސެނެގަލް، އަދި ސޫދާން ހިމެނެއެވެ.