ޖެފާސަން ސިޓީ (ޖުލައި 13): ޖޯންސަން އެންޑް ޖޯންސަން ފުށް ބޭނުން ކުރުމުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހުނު ކަމަށް ބުނި 22 އަންހެނަކަށް އެކުންފުނިން 4.7 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ހަ ހަފްތާއަށް ދެމިގެން ދިޔަ އެ ޝަރީއަތުގައި، މައްސަލަ ހުށަހެޅި އަންހެނުން ބުނި ގޮތުގައި އެމީހުންނަށް ރަހިމުގެ ކެންސަރު ޖެހުނީ ޖޭ އެންޑް ޖޭގެ ބޭބީ ޕައުޑަރާއި އެހެނިހެން ފުށް ގިނަ އަހަރުތަކެއް ވަންދެން ބޭނުން ކުރުމުގެ ސަބަބުންނެވެ.

އަދި އެތެރެހައްޓަށް ވާސިލުވެއްޖެ ނަމަ ނުރައްކާތެރި މާއްދާއެއް ކަމަށްވާ އެސްބެސްޓޯސް އެކުންފުނީގެ ފުށުގައި ހުރިކަން އެނގުނު ނަމަވެސް، އެކުންފުނިން ވަނީ ކަސްޓަމަރުންނަށް އެކަމާ ބެހޭ ގޮތުން މައުލޫމާތު ދޭން ދެކޮޅު ހަދާފައި ކަމަށް ވަކީލުން ވިދާޅުވިއެވެ.

ނަމަވެސް ޖޭ އެންޑް ޖޭ ކުންފުނިން ވަނީ އެކުންފުނީގެ އުފެއްދުންތަކުގައި ސަބަބުން ކެންސަރު ނުޖެހޭ ކަމަށާއި، އެ ތަކެތީގައި އެސްބެސްޓޯސް ނުހުންނަ ކަމަށް ބުނެފައި އެވެ.

އިނގިރޭސިވިލާތުގެ ރަހިމުގެ ކެންސަރާ ބެހޭ ޗެރިޓީއެއް ކަމަށްވާ "އޯވާކަމް"އިން ވަނީ ޖިންސީ ގުނަވަނުގައި ފުށް ބޭނުންކުރުމަކީ ރަހިމުގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ދިރާސާތަކުން ސާބިތުވެފައިވާ ނުވާ ކަމަށާއި އެކަމާ ބެހޭ އިތުރު ދިރާސާތައް އަދި ހަދަން ޖެހޭ ކަމަށް ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ މައްޗަށް އެހުކުމް ކުރީ އެފަދަ 9،000 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި އެކުންފުނިން ވަނީ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ބުނެފައިއެވެ.

(ބީބީސީ)