ދުނިޔޭގެ ބައެއް އެހެން ބަސްތަކެކޭ އެއްފަދައިން ދިވެހިބަސްވެސް ގޫގްލް ޓްރާންސްލޭޓްގައި ހިމަނައި، ދިވެހި ބަހުގެ ސްޕެލްޗެކާއެއް ވެސް އުފައްދަން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ "ސަން"އަށް ވިދާޅުވީ އެ އެޕްލިކޭޝަންތަކުގެ ތެރެއަށް ދިވެހިބަސް ވައްދާނީ އެ އެކެޑެމީން މިހާރު ތައްޔާރުކުރަމުން ގެންދާ "ލޭންގުއޭޖް ކޯޕަސް" ނުވަތަ "ބަސްމާފާނު"ގެ ތެރެއިން ކަމަށެވެ.

''ދުނިޔޭގައި ކުރިއަރާފައިވާ ބަސްތައް ކުރިއަރައި ދިއުމުގެ އެންމެ މަސައްކަތް ބިނާވަނީ ބަހުން އުފެދިފައި އޮންނަ ކޯޕަސްއެއްގެ މައްޗަށް. އެ ކޯޕަސް ބިނާ ވަނީ އެތައް އެތައް ވައްތަރެެއްގެ ލަފްޒުތައް އެކައްޗަކަށް ގެނެސް، ބަހުގެ ބައިތައް ކޯޑު ކުރުމަށް. ކޯޑުކޮށްފައި އޮޓޮމެޓިކުން ގަވައިދު އުފައްދަން ފަށާނެ،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ދިވެހިބަހުގެ ބަސްމާފާނު އުފައްދަނީ ބަހުގެ ގަވައިދުތަކާއި ބަހުގެ ރަދީފުތައް އުފައްދައި ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ދިވެހި ބަހުން ލިޔެފައި ހުންނަ ތަކެތިން ކުށް ފިލުވުމަށް، އިނގިރޭސިބަހުގައި މިހާރުވެސް ބޭނުންކުރަމުންދާ ސްޕެލްޗެކާ ފަދަ ފީޗާތައް އުފެއްދުން ހިމެނޭ ކަމަށެވެ.

އަޝްރަފް ވިދާޅުވީ އެ މަސައްކަތްކުރަނީ އެކަމަށް ހާއްސަކޮށްފައިވާ ކޮމެޓީއެއްގެ އިތުރުން ސްރީލަންކާގައި ލެންގުއޭޖް ކޯޕަސްއާ ބެހޭގޮތުން ކިިޔަވަމުންދާ ދަރިވަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ ބަސްމާފާނު ދެ އަހަރުތެރޭ ނިންމާލެވޭނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.