13 Jul 2018, 11:52
އިސްލާމްއާބާދު (ޖުލައި 13): ކޮރަޕްޝަނުގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިނގިރޭސިވިލާތުން ޕާކިސްތާނަށް ވަޑައިގަންނަވަން ދަތުރުފުޅު ފައްޓަވައިފިއެވެ.
ޕާކިސްތާނުގެ ނޫސްތަކުގައިވާ ގޮތުން ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް މިއަދު ހަވީރު ލާހޫރުގެ އެއާޕޯޓަށް ވަޑައިގެންނެވުމާ އެކު ދެބޭފުޅުންވެސް ހައްޔަރު ކުރާނެއެވެ.
"އަޅުގަނޑު ވަގުތުން ގެންދާނީ ޖަލަށް. ނަމަވެސް އަޅުގަނޑު މިކަންތައް ކުރަނީ ޕާކިސްތާނުގެ ރައްޔިތުންނަށްޓަކައި. މިއީ ކުރިއަށް އޮތް ޖީލުތަކަށްވާ ގުރުބާނީއެއް،" ވީޑިއޯ މެސެޖެއް މެދުވެރިކޮށް ނަވާޒް ޝަރީފް ވިދާޅުވިއެވެ.
ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައިގެންނެވުމާ ދިމާކޮށް ލާހޫރުގައި ވަނީ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި އެވެ. އަދި އޭނާގެ ޕާކިސްތާން މުސްލިމް ނަވާޒް (ޕީއެމްއެލް-އެން)އަށް ތާއިދުކުރާ ގިނަ އަަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މިދިޔަ ހަފްތާގައި ޕާކިސްތާނުގެ އެކައުންޓެބިލިޓީ ކޯޓުން ނަވާޒް ޝަރީފް ޖަލަށްލާން ހުކުމް ކުރީ ލަންޑަނުގައި ހުރި ހަތަރު ފްލެޓެއް ބައްލަވައިގެންނެވީ ނާޖާއިޒު ގޮތަކަށް ކަމަށް ބުނެއެވެ.
އަދި އެކުށް ކުރުމުގައި އެހީތެރިވުމުގެ ސަބަބުންނާއި މައްސަލައިގެ ޝަރީއަތަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން މަރްޔަމް ނަވާޒްގެ މައްޗަށްވެސް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.
އެ ދެ ބޭފުޅުންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށާއި، ނަމަވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން ދެ ބޭފުޅުން ފުލުހުންނާ ހަވާލުވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކުރީވެސް ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އަދި އެ މައްސަލަތައް ފެންމަތިވީ 2015 ވަނަ އަހަރު ލީކުކޮށްލި ޕެނަމާ ޕޭޕާސްއާ ގުޅިގެންވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން ނަވާޒް ޝަރީފްގެ އާއިލާއިން ލަންޑަނުގައި ހުރި ފްލެޓުތައް ގަނެފައި ވަނީ އެ މީހުންނާ ގުޅުން އޮފްޝޯ ކުންފުނިތަކެއް މެދުވެރިކޮށެވެ.
(ބީބީސީ)