ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އަހައި، އެފަރާތްތަކުން ނިންމާ ގޮތަކަށް ކުރިޔަށް ދިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖެނީވާއަށް ކުރައްވާ ދަތުރުފުޅުގައި އދ. ހިއުމަން ރައިޓސް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަޤްވާމީ މަސްރަހުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމުގައި ސަރުކާރުން ކިތަންމެ އެދޭ ކަމެއް ނަމަވެސް އަދި އެއީ ނޭދޭ ކަމަކަށްވިޔަސް، ސަރުކާރަށް މަޖުބޫރުވެފައި އޮންނާނީ، ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުގެ އަޑު އެހުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ޑިމޮކްރަސީއަށް ގޮވާލާ ފަރާތްތަކުން ނިންމާ ގޮތަކައިގެން ކުރިޔަށް ދާންޖެހޭ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އަމާން މާޙައުލެއްގައި، ސުލްޙަވެރިކަމާއެކު އެއްވެ، ޚިޔާލުފާޅުކުރުމުގެ ޙައްގު ބައިނަލްއަޤްވާމީ ނަޒަރަކުން ބަލައިގަންނަންޖެހޭނީ ޢާންމު ފަރާތްތަކުން މުޢާމަލާތު ކުރުމަށެވެ. އެފަރާތްތަކުގެ މިނިވަންކަން ހޯދުމަށާއި، އެފަރާތްތަކަށް ހެޔޮ ބަދަލަށް މަގުފަހިކޮށްދޭ ފުރުސަތުތަކެއްގެ ގޮތުގައި ކަމަށެވެ.

ޓިއުނީސިޔާ، މިޞްރު އަދި ލީބިޔާގައި މިނިވަންކަން ޤާއިމުކުރުމަށްޓަކައި، އެ ޤައުމުތަކުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ، އޭގެ ސަބަބުން، އިންސާނީ ތާރީޚު އަބަދުގެ އަބަދަށް ބަދަލުވެގެންދާނެ މަސައްކަތްތަކެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި ބާއްވާފައިވާ މިފަދަ އެއްވުންތަކަކީ، ޒަމާނުއްސުރެ ސަރުކާރުގެ އެކި ފަރާތްތަކުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮށްފައި ހުރި މަސައްކަތްތައް، ނާކާމިޔާބުވީކަން ދޭހަކޮށްދޭ ކަމެއްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ، ވަފާތެރި، ރައްޔިތުންނަށާއި ޤާނޫނަށް ކިޔަމަންތެރި ވެރީންނަށް ބޭނުންވާކަމަށެވެ. އަދި ރައްޔިތުންގެ މަންފާގެ މައްޗަށް، އަމިއްލަ އެދުން ކުރިއަށް ނެރުމަށް މަސައްކަތް ކުރާ ފަރާތްތައް ކުށްވެރިކުރައްވާ ކަމަށެވެ.