12 Jul 2018, 23:38
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫން އެހެން ބޭފުޅަކު ވެރިކަމަށް އަތުވެއްޖެ ނަމަ އެއީ އިސްލާމް ދީނަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވާ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ތާއީދު ކުރަނީ އެމްޑީޕީގެ ފަލްސަފާއަށް ކަމަށާއި އެ ޕާޓީގެ ފަލްސަފާ ބަދަލުވިކަން ހާމަކޮށްފައި ނުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި އެމްޑީޕީން ވެރިކަން ކުރި އިރު ރާއްޖޭން އަރަބި އިސްލާމް ނައްތާލަން މަސައްކަތް ކުރި ކަމަށާއި އިސްރާއީލާ ގުޅުން ގާއިމް ކުރުމަށް މަސައްކަތް ކުރި ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިރާއްޖޭގައި ކުރަން ހެޔޮނުވާވަރުގެ ކަންތައްތައް ކޮށްފައި ހުރީ. ބަނގުރާ އެތެރެކުރަން މަސައްކަތް ކޮށްފައި ހުރީ. މިއީ އިސްލާމް ދީން ނައްތާލަން ކުރާ މަސައްކަތްތަކެއް. އިސްލާމްދީން މުޅިން މަރާލަން. އެކި ދީންތަކަށް އުޅެވެން ޖެހޭނެ ކަމަށް ބައެއް މީހުން ނުކުމެ މުޒާހަރަ ކުރި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އޭރު އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވުމަށް ފަހު އެމްޑީޕީގެ އިސްލާމްދީނާ ދެކޮޅު ކަންތައްތަކުގެ ސަބަބުން މަގާމުން އިސްތިއުފާ ދެއްވި ކަމަށެވެ. އަދި އޭރު އެމްޑީޕީގެ ސަރުކާރުން ބައެއް ދީނީ އިލްމުވެރިންނަކީ ޓެރަރިސްޓުން ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ނަންތައް އާންމު ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ އެތައް އިލްމުވެރިންނަކީ ޓެރަރިސްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބަސައިޓުގައި ޝައިއުކުރި. އަޅުގަނޑާއި ޝެއިޚު އިލްޔާސް އާއި ޝެއިޚު ޝަމީމް އާއި. އެންމެ ފަހުން ބައެއް ނޫސްވެރިން ގުޅައިގެން އަޅުގަނޑުގެ ނަން އޭގެން އުނިކުރީ،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމީ ދެގައުމު ކަމަށްވާ ގަތަރާއީ އީރާނާ ރާއްޖޭން ގުޅުން ކަނޑާލި ކަންކަމާ ގުޅޭ ގޮތުން ސުވަލު ކުރުމުން ޝަހީމް ވިދާޅުވީ އެ ގުޅުން ކަނޑާލާނީ ރާއްޖެއާ އެގައުމުތަކާ ދެމެދު ހުރި މަސްލަހަތެއް ބެލުމަށް ފަހު ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނައިބު ރައީސަކަށް ވެއްޖެ ނަމަ ރައީސް ޔާމީނަށް ބާރު އަޅުއްވާނަންތޯ އެއްސެވުމުން ޝަހީމް ވިދާޅުވީ ބާރު އަޅުއްވަން ނުޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. ނިމިދިޔަ ފަސް ދައުރު މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެ އެކަން ނުކުރައްވާކަން ފާހަގަކުރުމުން ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައުލަތަށް ކަމެއް ކުރަން ފުރުސަތު ނުދެއްވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަދު ދުއާ ކުރި ކަންތަކުގައި ނަޝީދާ އެމަނިކުފާނާ ދެމެދު ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ނަޝީދުގެ ސަޕޯޓަރުންނަށްވެސް އެކަމުގެ ސަބަބުން ތަކުލީފެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ ނަމަ އެކަމަށް މައާފަށް އެދޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެކަން އެގޮތަށް ދިމާވީ އެދުވަސް ވަރު އޭނާއާ މެދު ކަން ހިނގާ ދިޔަގޮތުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެންނަމަވެސް އެމްޑީޕީގައިވެސް އޭނާގެ އަޚުން ތިއްބެވި ކަމަށާއި ރަނިން މޭޓްކަން ގަބޫލު ކުރެއްވުމުން އެބޭފުޅުން މަރުހަބާ ކީ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެމްޑީޕީގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވޯޓު ދެއްވާނެ ކަމަށް ބުނެފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަދި މިހާރުގެ ޒުވާނުން ބިރަކާ ނުލާ މަޖާ ކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ މި ސަރުކާރުން އަޅުއްވައި ދެއްވި ފްލެޓްތަކުގައި އާއިލައާ އެއްކޮށް އުފާވެރި ދިރިއުޅުއްވުމެއް އުޅުއްވަން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.