13 Jul 2018, 10:40
އިންސްޓަގްރާމު މެދުވެރިކޮށް ފޮލޮވަރުން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުސަތު އިންސްޓަގްރާމު ސްޓޯރީގައި ހުޅުވާލެވޭ ފީޗާއަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.
އިންސްޓަގްރާމު ސްޓޯރީގައި ސުވާލު ކުރެވޭ ފީޗާއެއް ހިމަނާފައި މިވަނީ ޓެސްޓަކަށެވެ. ސްޓޯރީއަށް ސްޓިކާ ލެވޭ އޮޕްޝަންގައި މިހާރު މި "ސުވާލު ސްޓިކާ" ވަނީ ހިމަނާފައެވެ. ޓެސްޓަކަށް ލޯންޗުކުރި މި ފީޗާ ވައިގައި ހިފާ، ގިނަ ބަޔަކަށް މިހާރު މި ފީޗާ ވަނީ ލިބިފައެވެ.
އިންސްޓަގްރާމުން ބުނީ ސުވާލު ކުރެވޭ ފީޗާއަކީ ސްޓޯރީއަށް ލާނެ ފޮޓޯއެއް ނޫނީ ވީޑިއޯ އެއްނެތް ހާލަތެއްގައި ފޮލޯވަރުންނާ އިންޓަރެކްޓު ކުރާނެ އޮޕްޝަންއެއް ދިނުމަށް ތައާރަފުކުރާ ފީޗާއެއް ކަމަށެވެ.
ބޭނުން ސުވާލެއް ކުރެވޭ މި އޮޕްޝަން މެދުވެރިކޮށް ސުވާލުކުރަނީ ކާކުކަން ސުވާލު ރައްދުވާ ފަރާތަށް އެނގޭނެއެވެ. އެއާ ޚިލާފަށް މި ދޭތެރެއިން ވައިރަލްވި "ސަރާހަ"އަކީ ސުވާލު ކުރާ މީހާއަކީ ކާކުކަން ނޭނގޭނެހެން އަނެކާ އަށް ޒާތީ ސުވާލުވެސް ކުރެވޭ އެޕްލިކޭޝަންއެކެވެ.
އިންސްޓަގްރާމުގެ ޕޯލް، އަދި އިމޯޖީ ސްލައިޑާއަކީވެސް އެއަށް ޖަވާބުދޭ މީހުން އެނގޭ ފީޗާތަކެކެވެ.
ރާއްޖޭގައިވެސް އިންސްޓަގްރާމު ބޭނުންކުރާ މީހުންގެ މެދުގައި ސުވާލު ކުރެވޭ އޮޕްޝަން ވަނީ މަގުބޫލުވެފައެވެ. ތަފާތު ސުވާލުތައް އަމާޒުކުރުމުން އެ ސުވާލުތަކާއެކު ޖަވާބުވެސް ދަނީ އިންސްޓަގްރާމު ސްޓޯރީގައި އާންމު ކުރަމުންނެވެ.