12 Jul 2018, 21:53
ސިނަމާލެ ބްރިޖު ހުޅުވައި އެ ބްރިޖު މަތިން ދަތުރުތައް ފަށަންވާއިރަށް ހުޅުލޭގައި ގާއިމް ކުރާ ޕާކިންއޭރިއާ ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ހުޅުލޭ ފަޅުން ހިއްކާ މި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ ގަލްފް ކޮބްލާ އާ އެވެ. އެ ކުންފުންޏަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ.
އެމްއޭސީއެލް އިން މިއަދު ސަން އަށް ބުނީ ޕާކިން އޭރިއާ ތަރައްގީކުރުމަށް 34،000 އަކަފޫޓުގެ ބިން ހިއްކާނެ ކަމަށެވެ. ޕާކިން އޭރިއާ ތަރައްގީ ކުރަނީ ހުޅުލޭގެ ދެކުނު ނެރު ބަންދުކުރުމަށް ފަހު އެވެ. އެ ނެރު ބަންދުކޮށް މިހާރު ވަނީ ހުޅުލެއަށް ވަންނަން އާ ނެރެއް ކަނޑައިފަ އެވެ.
އެމްއޭސީއެލް އިން ބުނީ ބްރިޖުގެ ފިނިޝިން ނިމި، ދަތުރުތައް ފަށަންވާއިރަށް ޕާކިން ސަރަހައްދު ތައްޔާރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއޭސީއެލް އިން މީގެ ކުރިން ބުނީ ބްރިޖުމަތިން ދަތުރުކުރާ އުޅަނދުތަކަށް އެއާޕޯޓު ޓާމިނަލް އާ ހަމައަށް ދެވޭނެ ކަމަށާއި ނަމަވެސް އެއްވެސް އުޅަނދަކަށް އެ ސަރަހައްދުގައި މަޑުކޮށްގެން ނޯވެވޭނެ ކަމަށެވެ.