ވިސާގެ މުއްދަތު ހަމަވެގެން އިންޑިޔާގެ ޓްރެވިންޑްރަމްގެ ޖަލަށްލާފައި ތިބި ހަތަރު ދިވެހިންގެ ތެރެއިން އެކަކު، ޝަރީއަތުން ވަކިގޮތަކަށް ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ކަފާލާތުގެ ދަށުން ޓްރެވިންޑްރަމްގެ ކޯޓުން މިނިވަންކޮށްފައިވާ މީހަކީ މާލެ އަތޮޅު ކާށިދޫ މީހެއް ކަމުގައިވާ ވިޝާމް ޒާހިރު އެވެ.

އިންޑިޔާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވިސާގެ މައްސަލަތަކަކާ ގުޅިގެން ޖަލަށް ލާފައި ތިބި ހަތަރު ދިވެހިންގެ ތެރޭގައި ހިމެނޭ ވިޝާމް ދޫކޮށްލާފައި ވަނީ މިދިޔަ ހަފުތާގައި ކަމަށާއި އެ މައްސަލައިގެ ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.

" ވިޝާމް އަދި ހުރީ ރާއްޖެއަށް ނުދެވޭ ގޮތަށް ދޫކޮށްފައި. ލަފާކުރެވޭ ގޮތުގައި ދެ ވަނަ އަޑު އެހުމެއްގައި އޭނާ މުޅިން މިނިވަންކުރާނެ،" އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެކުރިން ވެސް ވިސާގެ މައްސަލަތައް ޖެހިގެން އިންޑިޔާގައި ފުލުހުން ހައްޔަރުކުރާ ދިވެހިން، އިތުރު މައްސަލަތަކެއް ނެތްނަމަ ކުރެވޭ އެންމެ ކުޑަ މިންވަރަކުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލާ ކަމަށެވެ.

ވިޝާމްގެ އިތުރުން ވިސާގެ މައްސަލާގައި ޖަލަށްލާފައިހުރި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ވެސް މިހަފުތާ ނޫނީ އަންނަ ހަފުތާގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްލާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ. ޒާހިދަކީ ވެސް ޓޫރިސްޓް ވިޝާގައި އިންޑިޔާއަށް ގޮސް ހުއްޓާ އިންޑިޔާގެ ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ.

ވިޝާމާއި ޒާހިދުގެ އިތުރުން ވިސާގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަނެއް ދެ މީހުންނަކީ މުޖުތަމައު އަށް ނުރައްކާތެރި މީހުންގެ ތެރޭ ފުލުހުން ފާހަގަކޮށްފައިވާ މއ. ނައިޓް ވިލާ އިބްރާހިމް އަބުދުﷲ (ގައްބަރޭ) އާއި ހުކުމް ތަންފީޒު ކުރަމުން އަންނަ ސ. ފޭދޫ ފޮލޮރިޑާ، މުހައްމަދު ފަސީހެވެ. މި ދެމީހުން ވެސް އިންޑިޔާއަށް ގޮސްފައިވަނީ ބޭސް ފަރުވާއަކަށެވެ. އަދި މި ދެމީހުންގެ ތެރެއިން ފަސީހު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދެ ވަނަ ފަހަރަށް މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

ވިސާގެ މައްސަލަތަކުގައި އިންޑިޔާގައި ހައްޔަރުކުރާ މީހަކު ޝަރީތަށް ފެނިއްޖެ ހަލާތެއްގައި ޑީޕޯޓްކުރެވިދާނެ ކަމަށާއި ހަތް އަހަރާއި އަށް އަހަރުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް އިންޑިޔާގެ ފޮރިން އެކްޓްގައި ބުނެ އެވެ. އަދި އެފަދަ މައްސަލައެއްގައި ހައްޔަރުކުރާ މީހުން 35 އެމެރިކާ ޑޮލަރާއި 700 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް އެ ގާނޫނުގައި ބުނެ އެވެ.