މަޝްހޫރު ލީޑާޝިޕް ކޮންސަލްޓެންޓް ޑރ.މައިކަލް ބްރެނަރ ބައިވެރިވެ ލެއްވި ޚާއްސަ ލީޑާޝިޕް ޓްރެއިނިން ސެމިނާ އެއް މަޓާޓޯ އިން ބާއްވައިފިއެވެ.

އެއް ދުވަހުގެ މުއްދަތަަށް ކުރިއަށްގެންދިޔަ މި ސެމިނާގައި 45 ބައިވެރިއަކު ބައިވެރިވިއެވެ. ސްރީލަންކާގެ މެކުއަޔާ ރެންސް އެންޑް ޖޯންސް އާ މަޓާޓޯ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެމިނާގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވަނީ "ބިކަމިން އޭން އިންފްލުއެންޝަލް ލީޑާ" ނުވަތަ ނުފޫޒުގަދަ ލިޑަރަކަށް ވުމާ ގުޅޭގޮތުންނެވެ.

މެނޭޖީރިއަލް ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުންނަށާއި އެގްޒެކްޓިވުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ސެމިނާގައި ބައިވެރިން ވަނީ ނުފޫޒުގަދަ ލީޑަރެއްގައި ހުންނަން ޖެހޭނެ ސިފަތަކާއި އެފަދަ މީހެއްގެ ހުންނަންވާނެ ހުނަރުތައް އަދި މުވައްޒަފުންނާއި މެދު އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ސެމިނާ ގައި ވަނީ މައުލޫމާތު ބަދަލުކޮށްފައެވެ.

ރައިޓް ކޯޑް ލީޑާޝިޕްގެ ރައީސް ޑރ. ބްރެނާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލީޑަރުް ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މަޓާޓޯ އިން ދަނީ މެކުއަޔާ ރެންސް އެންޑް ޖޯންސް އާ ގުޅިގެން ލީޑާޝިޕް ޓްރެއިނިން އާއި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.