މިއަހަރުގެ ޖޫން މަހު ރާއްޖެ އެތެރެކުރި މުދާ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސް އިން ބުނީ އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ޖޫން މަހު 223 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫންމަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީތަކުގެ ގޮތުގައި 215 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މުއްދަތުގައި ރާއްޖެ އެތެރެކޮށްފައިވަނީ 2.89 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރުގެ ޖޫންމަހު ރތާއްޖެ އަށް އެތެރެކޮށްފައިވަނީ 3.55ބިލިއަން ރުފިޔާގެ މުދަލެެވެ. މީގެ ތެރެއިން 24 ޕަސެންޓު މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. 15 ޕަސެންޓު މުދާ ޗައިނާ އިިން އެތެރެކުރި އިރު 10 ޕަސެންޓު މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.

އެކްސްޕޯޓަށް ބަލާއިރު ޖޫން މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 46 ޕަސެންޓު އިތުތުވެފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 422 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 616 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ 27 ޕަސެންޓު އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އެމެރިކާއާއި، ފަރަންސޭސްވިލާތް އަދި ތައިލެންޑަށް 11 ޕަސެންޓު މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ސުވިޒަލެންޑަށް އަށް ޕަސެންޓު އެކްސްޕޯޓްކޮށްފައިވެއެވެ.