12 Jul 2018, 17:21
ހއ. ދިއްދޫ ކައުންސިލުގެ ތިން މެންބަރަކާއި އެ ކައުންސިލުގެ ޒިންމާދާރު ވެރިޔާ އަބްދުﷲ މަތީންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.
ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް އާއި އެ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ހާޝިމް އަދި މެންބަރު ޒުހުރާ އާއި އެ ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ކައުންސިލުން ބަޔާނެއް ނެރުނު މައްސަލާގައެވެ.
ކައުންސިލުގެ ރައީސް އަލީ ހާޝިމްގެ މައްޗަށް ތިން ދައުވާ އެއް އުފުލާފައިވެއެވެ. އެއީ ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގެ ދައުވާ އާއި ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ދައިވާގެ އިތުރުން އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ އެވެ.
ދެން ތިބި ކައުންސިލަރުންނާއި، ޒިންމާދާރު ވެރިޔާގެ މައްޗަށް އުފުލާފައިވަނީ އެނގިތިބެ ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
މި މައްސަލާގައި އެލްޖީއޭ އިން މީގެ ކުރިންވަނީ ކައުންސިލްގެ ރައީސް އަލީ ހާޝިމާއި ނައިބު ރައީސް މުހައްމަދު ހާޝިމާއި މެންބަރު ޒުހުރާ އަދި މެމްބަރު އަހުމަދު ފިރާގު ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް ވަނީ މިދިޔަ މެއިމަހު ހައްޔަރުވެސް ކޮށްފައެވެ.
އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވިގެންނެވެ.